އޮކްޓޫބަރު މަހު މީރާއިން 2.28 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހެޑް އޮފީސް. ފައިލް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހެޑް އޮފީސް. ފައިލް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މިދިޔަ އޮކްޓޫބަރު ޖުމުލަ އާމްދަނީގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. 

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 11.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮކްޓޫބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ގައި ލިބިފައިވާ އާމްދަނީ 11.8 އިންސައްތަ އިތުރުވި މައިގަނޑު ސަބަބަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 

މީގެ އިތުރުން، އެއަރޕޯޓް ޓެކުހާއި ފީ (އޭ.ޓީ.އެފް) އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިތުރުވެފައެވެ.

މިދިޔަ މަހަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އިތުރުވުމެވެ. ހަމަމިއާއެކު، މި މުއްދަތުގައި ލިބުނު އާމްދަނީގެ 19.6 އިންސައްތަ ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ މަހު ގައި ވަނީ ޖުމްލަ 448 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 171 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 161 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 98 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެއެވެ.

ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 8 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން ވެސް 10 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 58.9 އިންސައްތަ ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.9 އިންސައްތަ ނުވަތަ 248 މިލިއަން ރުފިޔާއެވެ. 

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (%6.8)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ (%6.6)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ (%6.5)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ (%3.2) ލިބިފައިވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.3 ބިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

މީރާމޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާމްދަނީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0