އައްޑޫ ސިޓީގައި އަލަށް ހިއްކި ސަރަހައްދުން ޑައިވަރޝަން މަގެއް އެއްވަރުކޮށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ބަދަލުގައި ބޭނުންކުރާނެ މި މަގު ތައްޔާރުކޮށް ހުޅުވާލީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މަގު އާންމު ދަތުރުފަތުރަށް ބަންދުކުރެވިގެންދާނެތީއެވެ.

އެ މިނިސްޓްރީން ބުނީ، އައްޑޫގެ ތަރައްގީއާ ގުޅިފައިވާ މި މުހިންމު އުމްރާނީ މަޝްރޫއު ކުރިއަށްދާ މުއްދަތުގައި، ރައްޔިތުންގެ ދަތުރުފަތުރަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކޮށް، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ހިމެނޭ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ސެޕްޓެންބަރު 24 ގައި ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 446.1 މިލިއަން ރުފިޔާއަށެވެ.