މި އަހަރުގެ ރިވެލި އެވޯޑް އަށް ފަރާތަކަށް

"ރިވެލި އެވޯޑު 2026" ދިނުމުގެ ހަފްލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
"ރިވެލި އެވޯޑު 2026" ދިނުމުގެ ހަފްލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ހާއްސަ އެވޯޑު، "ރިވެލި އެވޯޑު 2026" ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (2010/8) އާއި، އެފަދަ ފަރާތްތަކަށް އިގުތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ.

މިއަހަރުގެ ރިވެލި އެވޯޑު ޖުމްލަ 6 ދާއިރާއަކުން ދީފައިވާއިރު، އެ ދާއިރާތަކަކީ:

• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

• އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ

• ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ

• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްދޭ އަމިއްލަ ޖަމްއިއްޔާތަކުގެ ދާއިރާ

• ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ

މި ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، މިއަހަރުގެ ރިވެލި އެވޯޑު ހާސިލުކުރީ 8 ފަރާތަކުންނެވެ. އެއީ:

1. ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

3. ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

4. ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)

6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)

7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)

8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، އެ ތާރީހީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އިސްމާޢީލް ރާހިލް ށ.ކޮމަންޑޫ, އެންދެރިމާގެއަށް މިނިސްޓްރީން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިފަދަ ގައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބުމުގެ އިތުރުން، މުޖުތަމައުގައި އެ ފަރާތްތައް ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި އެވޯޑާއެކު ސަރުކާރުން ހާސިލުކުރަން އެދޭ ދުރުރާސްތާ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އިތުރަށް އުފުލި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާހައުލެއް ގާއިމުވެގެން ދިއުމެވެ.

ރިވެލި އެވޯޑް 2026ރިވެލި އެވޯޑް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0