އިންޑިއާގެ އަސްކަރީ މަނަވަރެއް އައްޑޫގައި ބަނދަރުކޮށްފި

މި ދަތުރުގެ މުއްދަތާއި ހިންގާނެ ތަމްރީނުތަކުގެ ތަފްސީލު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވޭ

އިންޑިއާގެ އަސްކަރީ މަނަވަރެއް އައްޑޫގައި ބަނދަރުކޮށްފި

އިންޑިއާގެ ކަނޑުގެ ސިފައިންގެ އޮފްޝޯ ޕެޓްރޯލް އުޅަނދު، އައިއެންއެސް ޝާރްދާ މިއަދު އައްޑޫ ސިޓީގެ ހިތަދޫ ބަނދަރަށް އަތުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް - އެމްއެންޑީއެފް) އިން މިކަން ކަށަވަރުކޮށްދީ ބުނި ގޮތުގައި، މިއީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ޕެޓްރޯލް ކުރުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތީ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ ސުކަންޔާ ކްލާހުގެ އުޅަނދެކެވެ.

ޕެނަންޓް ނަންބަރު ޕީ55 ޖަހާފައިވާ މި މަނަވަރަކީ ގާތްގަނޑަކަށް 101 މީޓަރު ދިގު، އަދި ގަޑިއަކު 21 ނޮޓުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުފޭރުމާ ދެކޮޅަށް ޕެޓްރޯލް ކުރުމާއި، މީހުން ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގެ އިތުރުން ހެލިކޮޕްޓަރެއް ބޭނުންކުރުމުގެ ގާބިލުކަންވެސް މި މަނަވަރުގައި ހުރެއެވެ.

އައިއެންއެސް ޝާރްދާ ވަނީ މީގެ ކުރިންވެސް އެމްއެންޑީއެފާ ގުޅިގެން ކަނޑުމަތީގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ މޭ މަހު ރާއްޖޭގައި ކުރިއަށްގެންދިޔަ އިންސާނީ އެހީތެރިކަމާއި ކާރިސާތަކުގައި އެހީތެރިވުމުގެ ހަފުތާއެއްގެ ތަމްރީނުތަކުގައި މި އުޅަނދު ބައިވެރިވިއެވެ. އެ ތަމްރީނުތަކުގައި ކުއްލި ހާލަތްތަކުގައި އިޖާބަދޭނެ ގޮތްތަކާއި، މީހުން ހޯދައި ސަލާމަތްކުރުމާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދީފައިވެއެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ކަނޑުގެ ސިފައިންގެ އައިއެންއެސް ތިރް އަދި އައިއެންއެސް ސުޖާތާއާއެކު އިންޑިއާގެ ކޯސްޓްގާޑު އުޅަނދު އައިސީޖީއެސް ސާރަތީވެސް ތަމްރީނު ދަތުރެއްގައި މާލެ އައިސްފައިވެއެވެ.

އަސްކަރީ ތަމްރީނުތަކާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ދަމަހައްޓަމުން އައި ނަމަވެސް، އައިއެންއެސް ޝާރްދާ މިފަހަރު އައްޑޫ ސިޓީގައި މަޑުކުރާނެ މުއްދަތެއް ނުވަތަ މި ދަތުރުގައި ގުޅިފައިވާ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް 0