މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އަދާލާއަށް
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ޑރ. އަދާލާ ރަޝީދު ޙާސިލްކުރައްވައިފިއެވެ.
މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އަދާލާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އަދާލާއަށް އެ އިނާމު ދެއްވާފައިވަނީ، ޕީއެޗްޑީ ޙާސިލްކުރައްވާފައިވާތީ އާއި ޕީއެޗްޑީގައި ކުރެއްވި ދިރާސާ ބައިނަލްއަޤްވާމީ ޖާނަލް އެއްގައި ޕަބްލިޝް ކުރައްވާފައިވާތީއެވެ.
ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު އަދާލާ ސިޔާސީ ދާއިރާއަށް ނިކުންނެވިއެވެ. ފުރަތަމަ އަމިއްލަ މެންބަރެއްގެ ގޮތުގައި ކައުންސިލަށް އިންތިޚާބުވި ނަމަވެސް މިއަހަރު ދެވަނަ ދައުރަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ.
ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.