ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ސ. ހިތަދޫ މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވެނީ މަސްތުގެ ހާލަތުގައި ހުރެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވި ކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިހާރު ވަނީ މައްސަލަ ބަލައިގެންފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން ވެސް ކޯޓުގައި އެދިފައިވެއެވެ.
ސިނަމާލެ ބްރިޖު ހައިވޭގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ގަސްދުގައި ސައިކަލަކުން ޖެއްސި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތް (ފުލުހުން) އިން މިދިޔަ އޮކްޓޫބަރު މަހު ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރީ ސައިކަލުގައި ތިބި ދެ މީހުންނާއި އެ މީހުންނާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގައި ޖެހި، ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހިގެންނެވެ. އެ ހާދިސާގައި އަނިޔާވި ފުލުސް މީހާގެ މޫނަށް ބޮޑެތި ޒަހަމްތަކެއް ލިބި، ދަތްތަކެއް ބިނދިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.
