ސ. އަތޮޅު ތައުލީމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި "އެސްއޭއެމް އާޓް އެގްޒިބިޝަން 2026" ކުރިއަށްގެންގޮސް، ދަރިވަރުންގެ ފަންނީ އުފެއްދުންތައް ދައްކާލައިފިއެވެ.

 
"ބިޔޯންޑް ދަ ބްރަޝް: އެކްސްޕްލޯރިން އާޓިސްޓިކް ފްރޮންޓިއާސް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި މައުރަޒުގެ ތެރެއިން، "ވެއާ ދަ ޗޭންޖް: ފެޝަން ފްރޮމް ވޭސްޓް"ގެ ނަމުގައި ހާއްސަ ފެޝަން ޕެރޭޑެއްވެސް ވަނީ ބާއްވާފައެވެ.

އެ ސްކޫލުން ބުނި ގޮތުގައި، "ފެހި ކޮންސެޕްޓް"ގެ ދަށުން ކުރިއަށްގެންދިޔަ މި ފެޝަން ޕެރޭޑުގައި ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ދަރިވަރުން ދައްކާލާފައިވަނީ އުކާލާ ތަކެއްޗާއި ރީސައިކަލް ކުރެވޭ ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ތަފާތު ހެދުންތަކެވެ. އަދި މި ޕެރޭޑުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ، ތިމާވެއްޓަށް ހޭލުންތެރިކުރުވުމަށް ފުރުސަތު ލިބުނު ކަމަށާއި، ދަރިވަރުންގެ ފަރުމާތަކާއި ތިމާވެށީގެ މެސެޖުތަކުން އާންމުކޮށް އުކާލާ ތަކެތިވެސް ބޭނުންތެރި އަދި ރީތި އެއްޗެއްސަށް ބަދަލުކޮށްލެވިދާނެކަން ދައްކުވައިދީފައިވާ ކަމަށް ސްކޫލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ކުލަރަންދޯދި ކްލަބުން ދެއްކި ހިތްވަރާއި، އުފެއްދުންތެރިކަމާއި، ފޯރުކޮށްދިން އެއްބާރުލުން ފާހަގަކޮށް އެ ސްކޫލުން ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އުފެއްދުންތެރިކަމާއި އާ އީޖާދުތަކަށް ޅަ ސިކުނޑިތައް ހޭލުންތެރިކުރުވައި، ދުނިޔޭގެ ތިމާވެއްޓަށް އަޅާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް ސްކޫލުން ވަނީ ގޮވާލާފައެވެ.