ބާޒާރުގައި ކެރެޓުގެ އަގު އުފުލުނު ސަބަބު ވަޒީރު ސާފުކޮށްދެއްވައިފި

މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ މިހާރު ކްލިއާކޮށް، އެސްޓީއޯއިން އިތުރު ކޮންޓެއިނަރުތައް ނެރެނީ

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނު ސަބަބު ވަޒީރު ސާފުކޮށްދެއްވައިފި

ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވެގެން ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 ކެރެޓު ކިލޯއެއްގެ އަގު އުފުލުނު ސަބަބާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަން ބެއްލެވިއިރު އަގު އުފުލެން މެދުވެރިވީ މުދާ އެތެރެކޮށް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ބާޒާރުގައި ކެރެޓު މަދުވެގެން ދިޔަ ދަނޑިވަޅުގައިވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަޕްލައި ކުރުމުގައި މައްސަލަ ދިމާވި ކުންފުނިތަކުން ގެނައި މުދާވެސް މިހާރު ބަނދަރުން ކްލިއާކޮށް ނިމިފައިވާކަން ބެއްލެވި ބެއްލެވުމުން އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ވިޔަފާރިވެރިން ދެން ބޮޑު އަގުގައި ކެރެޓު ނުވިއްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުވުމަށްޓަކައި އެސްޓީއޯއިން އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

މިނިސްޓަރު މިހެން ވިދާޅުވިއިރު އައްޑޫގެ ބާޒާރުގައި ހުރި އަގުތަކަށް ބަލާއިރު، ކެރެޓް ކިލޯއެއް ހުރީ، އެވްރެޖް ގޮތެއްގައި 40 ރުފިޔާ އާއި 45 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. 


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް 0