ކަސްޓަމްސް އިން ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
މި ވަސީލަތްތައް އިފްތިތާހުކުރީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުމުގެ ޖަލްސާގައި.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފިއެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެ މުއައްސަސާގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
މި ޖަލްސާގައި، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީހުގެ މައްޗަށް ބަލައިލައި ތައްޔާރުކޮށްފައިވާ ހާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ. “އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ހިދުމަތުގައި 136 އަހަރު” މި ނަމުގައި ނެރުނު މި ފޮތުގައި އެ މުއައްސަސާގެ ތާރީހާ ގުޅުންހުރި މައުލޫމާތުތައް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، އެ ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފައެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ “ރައީސުލްޖުމްހޫރިއްޔާގެ ކުލަ” 4 އޮފިސަރަކަށް ވަނީ އަރުވާފައެވެ.
ހަމައެއާއެކު، ކަސްޓަމްސްއަށް 20 އަހަރު ހިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ހިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދީފައެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.