20 އަހަރުގެ ތަޖުރިބާއާއެކު އަސްލަމް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ވާދަކުރައްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވާދަވެރިކަން ވަނީ އިތުރުވެފައި ވާއިރު، އައްޑޫގައި ވެސް އިންތިޚާބަށް ފޯރީގައި ދަނީ ކެމްޕެއިން ކުރަމުންނެވެ. އެގޮތުން އާމޫނުތައް އެމްޑީޕީގެ މަޤާމުތަކަށް ވާދަކުރާއިރު، ސިޔާސީ ތަޖުރިބަކާރު ފަރާތްތައް ވެސް ވަނީ އިންތިޚާބަށް ނިކުމެފައެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގައި 20 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފައިވާ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އަސްލަމްއެވެ.
މުޙައްމަދު އަސްލަމަކީ ރާއްޖޭގެ ބަރުލަމާނީ ތާރީޚުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި މެދުކެނޑުމެއްނެތި 20 އަހަރު ދުވަހު އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ. އޭގެ ތެރެއިން ފާއިތުވި ތިން ދައުރުގައި އޭނާ ފުރުއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމެވެ. ދާއިރާގެ ތަމްސީލުކުރެއްވުމުގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މެޖޯރިޓީ ލީޑަރުގެ މަސްއޫލިއްޔަތު ވެސް އޭނާ އަދާކުރެއްވިއެވެ. އަދި މަޖިލިސް ރައީސްކަން ވެސް ކުރެއްވިއެވެ.
މަޖިލީހުގެ ތަޅުމުގައި ކުރެއްވި މަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި މުހިންމު ކޮމިޓީތަކެއްގައި ވެސް މުޙައްމަދު އަސްލަމް ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އޭނާ ވަނީ މެންބަރުކަން ކުރައްވާފައެވެ. ގާނޫނު ހެދުމުގެ ބާރުގެ އެކި ފަންތިތަކުގައި އޭނާ ވަނީ ގިނަ އަހަރުތަކެއް ހޭދަކުރައްވާފައެވެ.
މުޙައްމަދު އަސްލަމްގެ ސިޔާސީ ހަޔާތުގައި އެންމެ މަތީ މަގާމަކަށް ވަޑައިގެންނެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހުކޮޅުގައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަޤާމާއި ހަވާލުވެ ހުންނެވިއެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ރަނިން މޭޓުގެ ގޮތުގައި ހުންނެވިއެވެ.
މިހުރިހާ ތަޖުރިބާ އަކާއި އެކު މިއަދު އަސްލަމް ނިކުންނަވަނީ، އެމްޑީޕީގެ އެތެރޭގެ ސިޔާސަތުތައް ކަނޑައަޅާ މައި ގުނަވަން ކަމަށްވާ ޤައުމީ މަޖިލީހުގެ ރޭހަށެވެ. އަންނަ ހުކުރު ދުވަހު ބާއްވާ މި އިންތިޚާބަކީ، ބަރުލަމާނީ ދާއިރާގައި އޭނާ ހޯއްދެވި ދިގު ތަޖުރިބާއާއެކު ޕާޓީގެ ހިންގުމުގެ ތެރެއިން އާ ސިޔާސީ ދައުރެއް ފެއްޓެވުމަށް އަޅުއްވާ ފިޔަވަޅެކެވެ.
އަސްލަމް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައްޑޫ ސިޓީގެ ގޮނޑިއަށް ވާދަކުރައްވަނީ، ކޮރަޕްޝަން އިންތިހާއަށް އާންމުވެ، އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވެ، ޤައުމުގެ އިޤްތިސާދު ހަލާކުވެ ފުނޑުފުނޑުވެ އަދުލު އިންސާފަކީ ގަނެވިއްކާ އެއްޗަކަށް ވެގެންދާއިރު އެކަން ބަލަން ތިބެވެން ނެތުމުން އެމްޑީޕީ އާއި އެކު ޤައުމުގެ ހައްޤުގައިި ތެދުވުމަށެވެ.