ޕީއެންސީގެ އެކްޓިވިސްޓް އީނާ ދުއްވި ކާރު ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވެއްޖެ
ފޭދޫ ނޮޑީސް ކެފޭ ކައިރިން މަގުބައްތިއެއްގެ ހޮޅިދަނޑިއެއްގައި ޖެހި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެކްޓިވިސްޓް އީނާ ނަސީރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓި، ލިންކް ރޯޑުގައި އެކްސިޑެންޓްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ލިންކް ރޯޑުން ކާރު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލުން ނެއްޓިގެން ގޮސް ފޭދޫގައި ހުންނަ ނޮޑީސް ކެފޭއާ ދިމާލުގައި ހުރި މަގުބައްތިއެއްގެ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން އީނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އޭނާގެ ހާލު ރަނގަޅު ނަމަވެސް، މަގުބައްތީގެ ހޮޅިދަނޑީގައި ބާރަށް ޖެހުމުގެ ސަބަބުން ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ލިންކް ރޯޑަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާ މަގެކެވެ.
ފޭދޫ ނޮޑީސް ކެފޭ ކައިރީގައި އީނާގެ ކާރު ކޮންޓްރޯލުން ނެއްޓި ހިނގި މި އެކްސިޑެންޓާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހެއް ލިބިފައި ނުވެއެވެ.