އައްޑޫ އެއާޕޯޓަށް ފައިސާ ހަމަޖައްސަން ސޯބެގެ އާދޭހެއް، މަޖިލީހުން ބުނީ ނޫނެކޭ
ބަޖެޓު ކޮންޓިންޖެންސީގެ ތެރެއިން ފައިސާ ހަމަޖައްސަން ސޯބެ ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް ޕީއެންސީގެ 64 މެންބަރުން ވޯޓުދިން.

އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓު ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައިދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤު ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރަން ނިންމައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުމުގެ ކުރިން އިސްލާހު ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން، މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އިސްލާހެއް ހުށަހެޅުއްވިއެވެ.
ސޯބެ ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް 2027 ވަނަ އަހަރުގެ 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު،އަދި އެ މަޝްރޫއުތައް ބުރޫނާރާނެހެން ކުރިއަށްގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާދީފައިވާކަން ފާހަގަކޮށްފައެވެ. ޚާއްސަ ގޮތެއްގައި ވެލާނާ އެއާޕޯޓް ފިޔަވައި ރާއްޖޭގެ އެހެން ސަރައްދުތަކުގެ ކެޕޭސިޓީ އިތުރުކުރެވުމާއެކު ފަތުރުވެރިން އިތުރުވެފައިވާކަން ފާހަގަކޮށް ސޯބެ ހުށަހެޅުއްވީ އައްޑޫ އެއާޕޯޓްގެ މަޝްރޫޢު ނިންމަން 2027 ވަނަ އަހަރުގެ ބަޖެޓުގެ ކޮންޓިންޖެންސީގެ ތެރެއިން ފައިސާ ހަމަޖެއްސުމަށެވެ.
ސޯބެގެ އިސްލާހަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ. އެހެން ނަމަވެސް އިސްލާހު ފާސްކުރަން ވޯޓު ދިނީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ. އަދި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 64 މެންބަރުން ވޯޓުދެއްވިއެވެ.