މޫލެކެޑެ ފިށިމަތި ހިއްކުމާއި ގުޅޭ މައުލޫމާތު ހޯދަން މަސައްކަތްތަކެއް
އައްޑޫ ސިޓީގެ މޫލެކެޑެ ފިށިމަތި ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫޢާއި ގުޅޭގޮތުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ މެދުވެރިކޮށް ކުރެވިފައިވާ މަސައްކަތް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤް (ސޯބެ) ހިއްސާކުރައްވައިފިއެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ 16 ވަނަ ބައްދަލުވުމުގައި ފިށިމަތި އާއި ގުޅޭގޮތުން އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ. ސޯބެ ވިދާޅުވ، މިނިސްޓްރީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި، އެ ސަރަހައްދުގެ ބިން ހިއްކާފައިވަނީ އެ ހިސާބުން ނުބައި ވަސް ދުވާތީއާއި، އެ ސަރަހައްދުގެ ފެންގަނޑު ލޮނުވެފައިވާތީއެވެ.
އެހެން ނަމަވެސް ބިން ހިއްކުމުގެ ސަބަބުން ފެންގަނޑަށް އަންނަ ބަދަލުތަކާއި ގުޅޭ އެއްވެސް ދިރާސާއެއް ކޮށްފައި ނުވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވި ކަމަށް ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ފިށިމަތި ހިއްކުމުގެ ދެވަނަ ފޭސްގެ އީ.އައި.އޭ (EIA) ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި، އެމް.ޓީ.ސީ.ސީ (MTCC) އާ ހަވާލުކޮށްގެން ފިށިމަތި އެއްކޮށް ކޮޑަގެދަރި މަގާ ހަމައަށް ހިއްކުމަށް ޕްލޭން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހިއްކާ ސަރަޙައްދުގެ ބޭރުން ހެދުމަށް ހަމަޖެހިފައިވާ ބަފަރ ޒޯނުގައި ޖެހުމަށް ބޭނުންވާ ރަނޑޫ ގަސް ހެއްދުމަށްޓަކައި އެ ސަރަޙައްދުގައި ނާސަރީއެއް ހަދާފައިވާ ކަމަށް ޓީމުން ބުންޏެވެ. އަދި މިހާރު ހުރި ބޮޑެތި ރަނޑޫ ގަސްތައް ބަފަރ ޒޯނަށް ބަދަލުކުރުމުގެ ކުރިން، އެކަމަކީ ކުރެވޭނެ ކަމެއްތޯ ބަލާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ތިމާވެށީގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަށް ބަލާއިރު، ހިއްކާ ސަރަހައްދުގެ ބޭރުން ހެދުމަށް ހަމަޖެހިފައިވާ މެންގްރޫވް ބަފާ ޒޯނުގައި ޖެހުމަށް ބޭނުންވާ ރަނޑޫ ގަސް ހެއްދުމަށްޓަކައި އެ ސަރަހައްދުގައި ނާސަރީއެއް ހަދާފައިވާ ކަމަށް މިނިސްޓްރީގެ ޓީމުން ބުނެފައިވާ ކަމަށް ސޯބެ ފާހަގަކުރެއްވިއެވެ.