ސާފުނުކުރާ ތެލުގެ އަގު ކުޑަކޮށް އުފުލިއްޖެ

ހަފުތާއެއްގެ ތެރޭގައި ތެލުގެ އަގު 12 އިންސައްތަ ދަށަށް ދާނެ ކަމަށް ބެލެވޭ

ފްރާންސްގެ ޓްރީގިއަރސްގައި ހުންނަ ވަރމިލިއަން އެނާޖީ ސައިޓެއްގައި ތެޔޮ ނަގާ ޕަމްޕެއް ހަރަކާތްތެރިވަނީ، 14 ޖޫން 2024. ފޮޓޯ: ރޮއިޓާސް
ފްރާންސްގެ ޓްރީގިއަރސްގައި ހުންނަ ވަރމިލިއަން އެނާޖީ ސައިޓެއްގައި ތެޔޮ ނަގާ ޕަމްޕެއް ހަރަކާތްތެރިވަނީ، 14 ޖޫން 2024. ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ކުޑަކޮށް އުފުލިއްޖެއެވެ. 

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިދިވިދިގެން ދެ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، މުޅި ހަފުތާއަށް ބަލާއިރު ތެލުގެ އަގު އޮތީ ބޮޑުތަނުން ދަށަށް ދިއުމަށް މިސްރާބުޖަހާފައެވެ.

އެގޮތުން، ބްރެންޓް ސާފުނުކުރާ ތެލުގެ ފިއުޗާސް ކޮންޓްރެކްޓްތަކުގެ އަގު 1.57 ޑޮލަރު (1.6 އިންސައްތަ) އުފުލި، ފީފާއެއްގެ އަގު ވަނީ 99.86 ޑޮލަރަށް އަރާފައެވެ. އަދި ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ފިއުޗާސްގެ އަގު 1.10 ޑޮލަރު (1.2 އިންސައްތަ) މައްޗަށް ޖެހިލައި، ފީފާއެއްގެ އަގު ވަނީ 91.62 ޑޮލަރަށް އުފުލިފައެވެ.

މިދިޔަ ކޮންމެ ދުވަހެއްގައި ސާފުނުކުރާ ތެލުގެ އަގުތަކުގައި މި ކުރިއެރުން ފެނުނު ކަމުގައި ވިޔަސް، އޮކްޓޯބަރު 30 ގައި ޑިސެމްބަރު މަހުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު ހަމަވުމާ ގުޅިގެން، މި ހަފުތާގެ ނިޔަލަށް ބްރެންޓް ތެލުގެ އަގު 12 އިންސައްތަ ދަށަށްދާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް މި ހަފުތާގެ ތެރޭގައި 12.1 އިންސައްތަ ދަށަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހަފުތާގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕްގެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، އީރާނާ ދެމެދު އޮތް ހަމަނުޖެހުންތަކަށް ލުޔެއް ލިބިދާނެ ކަމަށް އުންމީދު ކުރެވުމެވެ. 

އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތުމުން، ބާޒާރުގައި ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން، ހަމައެކަނި ބުދަ ދުވަހު ވެސް ސާފު ނުކުރާ ތެލުގެ އަގު ވަނީ 8 އިންސައްތަ ދަށަށް ގޮސްފައެވެ. މިއާއެކު ތެލުގެ އަގު ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ރެކޯޑުކުރެވުނު އެންމެ ދަށް މިންވަރުގައި ހަމަޖެހިލައިފައެވެ.

ސާފުނުކުރާ ތެޔޮބްރެންޓް ކްރޫޑް އޮއިލް
ކޮމެންޓް 0