ދެކުނު އޭޝިއާގެ ގަދަ 400 ޔުނިވަރސިޓީ ތެރޭގައި އެމްއެންޔޫ ހިމެނިއްޖެ
ކުއަކަރެލީ ސިމަންޑް (ކިއުއެސް)ގެ އޭޝިޔާ ރޭންކިންގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ދެކުނު އޭޝިޔާގެ އެންމެ ރަނގަޅު 400 ޔުނިވަސިޓީގެ ތެރޭގައި ހިމެނިއްޖެއެވެ.
މިއީ އެ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މި ރޭންކިންގްގައި އެމްއެންޔޫ ހިމެނިފައިވަނީ އޭޝިއާގެ 1101 އާއި 1200 އާ ދެމެދުގެ ގިންތީގައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ މަތީ 400 ޔުނިވަރސިޓީގެ ތެރޭގައި ހިމެނުމާއެކު، އެމްއެންޔޫ އަކީ ދިވެހިރާއްޖޭގެ އެއްވަނަ ޔުނިވަރސިޓީގެ ގޮތުގައި ކަނޑައެޅިގެންގޮސްފައިވެއެވެ.
އެމްއެންޔޫ އަށް މި ހިސާބަށް ވާސިލްވެވުނީ މި ދިގު ދަތުރުގައި ބައިވެރިވެ، އެކި ދައުރުތަކުގެ އިލްމީ އަދި އިދާރީ މުވައްޒަފުންނާއި، ދަރިވަރުންނާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި، ކައުންސިލް މެންބަރުންގެ އިތުރުން އެކި ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތާއި ވެދެއްވާފައިވާ އެހީތެރިކަމުގެ ސަބަބުންނެވެ.
އެމްއެންޔޫ އިން މި މަގާމަށް ދިއުމަށް ކުރި ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް އިހުލާސްތެރިކަމާއެކު ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ ތައުލީމީ ފެންވަރު މަތިކުރުމަށާއި، ދިރާސާކުރުމުގެ ދާއިރާ ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް، ދަރިވަރުންނަށާއި މުޖުތަމައަށް ފައިދާހުރި ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބުމަށް ލިބުނު އިތުރު ހިތްވަރެކެވެ.