އެމްޑަބްލިއުއެސްސީގެ ޓީމުތައް އައްޑޫ ގެތަކަށް ޒިޔާރަތްކުރަން ފަށައިފި

ފެނާއި ނަރުދަމާގެ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވައިފި

އެމްޑަބްލިއުއެސްސީގެ ޓީމުތައް އައްޑޫ ގެތަކަށް ޒިޔާރަތްކުރަން ފަށައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޓީމުތަކުން އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، ސީދާ ރައްޔިތުންނާ ބައްދަލުކުރަން ފަށައިފިއެވެ. 

މީސްމީޑއާގައި ހިއްސާކުރެއްވި ޕޯސްޓެެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ  ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ ޓީމުތަކުން ވަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އެކި ގޭބިސީތަކަށް ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތްތަކުގައި، އެ ކުންފުނިން ދެމުންގެންދާ ފެނާއި ނަރުދަމާގެ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައްޔިތުންގެ ފަރާތުން އޮޅުންފިލުވާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ “ރައްޔިތުންގެ ގާތަށް ހިދުމަތް” ގެންގޮސްދިނުމުގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށްޓަކައި ފެށި މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަކީ ބާކީވެފައިވާ ބަޔަކަށް ހެދުމުގެ ބަދަލުގައި، ސީދާ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުންގެ އަޑުއަހައި، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. 

އަދި މި ޒިޔާރަތްތަކަކީ ހަމައެކަނި ހިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން، ޒަމާނުއްސުރެ ރައްޔިތުން ތަހައްމަލުކުރަމުންދިޔަ ދަތިތަކަށް ދާއިމީގޮތުން ނިމުމެއް ގެނެސްދީ، އިތުބާރުހުރި ގޮތެއްގައި ފެނާއި ނަރުދަމާގެ ޔުޓިލިޓީ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުރިހަމަކޮށްދިނުމަށާއި، ރައްޔިތުންގެ އިތުބާރާއެކު ދިވެހި ރައްޔިތުން އެދޭފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

އެމްޑަބްލިއުއެސްސީމާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0