މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ގަވަނިން ބޯޑުގެ ބައްދަލުވުމުގައި ޑރ. އަދީލް ބައިވެރިވެވަޑައިގެންފި
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ގަވަނިން ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި އިއްޔެ ބޭއްވި މި ބައްދަލުވުމަކީ އެ ގްރޫޕުގެ ހިންގާ ބޯޑުން ބޭއްވި އެންމެ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ އާއި، ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް ސެކްރެޓަރީ ފޯ ޓާޝަރީ ހެލްތު ސާވިސަސް މުހައްމަދު ޠަލާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، އެމްޓީއެޗްޖީގެ ގަވަނިން ބޯޑުގެ ޗެއާމަން ޑރ. އަބްދުލްއަޒީޒް ޔޫސުފް އާއި އެ ބޯޑުގެ އެހެން މެންބަރުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީއެޗްޖީން ބުނި ގޮތުގައި، މި ބައްދަލުވުމަކީ އެއް އޮނިގަނޑެއްގެ ދަށުން ހޮސްޕިޓަލްތައް ހިންގުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަދި މުޅި ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް މި ބައްދަލުވުމުގެ ސަބަބުން ބާރުލިބިގެންދާނެ ކަމަށް އެ ގްރޫޕުން ފާހަގަކުރިއެވެ.
އެމްޓީއެޗްޖީ އުފައްދަވާފައިވަނީ، ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުންނެވެ.
އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ.