އޭއީއެޗްގެ ނާސިން ޑިޕާޓްމަންޓުން ނަރުހުންނަށް ތަމްރީނު ޕްރޮގްރާމެއް

އައިވީ ކެނިއުލޭޝަނާއި އީސީޖީ ރިދަމް ދެނެގަތުމުގެ އަމަލީ ސެޝަންތައް ކުރިއަށްގެންދިޔައީ ޑރ. އަންޖަންގެ ބެއްލެވުމުގެ ދަށުން.

އޭއީއެޗްގެ ނާސިން ޑިޕާޓްމަންޓުން ނަރުހުންނަށް ތަމްރީނު ޕްރޮގްރާމެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ނާސިން ޑިޕާޓްމަންޓުން ނަރުހުންގެ ފަންނީ ހުނަރު ތަރައްގީކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

އޭއީއެޗުން ބުނި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ “ފްރޮމް ނޮލެޖް ޓު އެވިޑެންސް: ޝޭޕިން ދަ ފިއުޗާ އޮފް އޭއީއެޗް ނާސިން” ނުވަތަ އިލްމީ ހޯދުންތަކުގެ އަލީގައި އެ ހޮސްޕިޓަލުގެ ނާސިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމުގެ ޝިއާރުގެ ދަށުންނެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ބައިތަކާއެކު އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ސެޝަންތައް ހިމަނާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން އައިވީ ކެނިއުލޭޝަން ގުޅުމާއި އީސީޖީ ރިދަމް ދެނެގަތުމާ ގުޅޭ އަމަލީ ތަމްރީނުތައް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ދީފައެވެ. 

މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވައި، ކްލިނިކަލް މައުލޫމާތާއި އަމަލީ އިރުޝާދު ދެއްވީ އެ ހޮސްޕިޓަލުގެ އެނެސްތެޓިސްޓް ޑރ. އަންޖަން ޗަކްރަބާޓީއެވެ. އެމްބީބީއެސް ހައްދަވާފައިވާ ޑރ. އަންޖަންއަކީ އޭއީއެޗްގެ އެނެސްތީސިއޮލޮޖީ ދާއިރާގެ އެސޯސިއޭޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ، ރީޖަނަލް އެނެސްތީސިއާއަށް ހާއްސަ އަދި އެ ދާއިރާގައި ނުވަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭއީއެޗުން ބުނި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ނަރުހުންގެ ކްލިނިކަލް މައުލޫމާތު މުއްސަނދިކުރުމާއި، އަމަލީ ހުނަރު އިތުރުކުރުމުގެ އިތުރުން، ބަލިމީހުންނަށް ރައްކާތެރި އަދި ހަރުދަނާ ފަރުވާއެއް އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. 

އެ ހޮސްޕިޓަލުގެ ނާސިން ޑިޕާޓްމަންޓަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ނާސިންގެ އެޑްވާންސްޑް ސެޓްފިކެޓާއި ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ވެސް ތަމްރީނުގެ ފުރުސަތު ފަހިކޮށްދޭ ޑިޕާޓްމަންޓެކެވެ.

އޭއީއެޗްއައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0