މެޓް އޮފީހުގެ ވެބްސައިޓާއި މޫސުން އެޕް އިފްތިތާހުކޮށްފި

މެޓް އޮފީހުގެ ވެބްސައިޓާއި މޫސުން އެޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
މެޓް އޮފީހުގެ ވެބްސައިޓާއި މޫސުން އެޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން، ޒަމާނީ ބަދަލުތަކާއެކު އަލުން ފަރުމާކުރި މެޓް އޮފީހުގެ ރަސްމީ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިބްރާހީމް މިމްރާހު ވަނީ މި ނިޒާމުގެ ފަންނީ އޮނިގަނޑާއި މޫސުމީ މަޢުލޫމާތު ދައުރުވާ ގޮތުގެ ތަފުޞީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވަނީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މަޢުލޫމާތާއި ދުރާލައި އިންޒާރުދޭ ނިޒާމުގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޫސުމާ ބެހޭ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ތައްޔާރު ޕްރޮޖެކްޓް"ގެ ދަށުން ތަރައްގީކުރެވުނު މި ސުމޭކު މަންސަތައް (ޑިޖިޓަލް ޕްލެޓްފޯމް) ފަރުމާ ކުރެވިފައިވަނީ، މޫސުމީ ސްޓޭޝަންތަކުން ލިބޭ މައުލޫމާތާއި ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް ފޮޓޯތައް އެއްކޮށްލައިގެން، ސީދާ ވަކިވަކި ސަރަޙައްދުތަކަށް ހާއްސަކޮށްގެން މޫސުން ލަފާކުރާ ގޮތް ފޯރުކޮށްދެވޭ ގޮތަށެވެ. 

އާންމު ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އަދި އެކި ހަފުލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ މި މަންސަތައް (ވެބްސައިޓް/މޯބައިލް އެޕް) މެދުވެރިކޮށް، ވަގުތުން ވަގުތަށް މޫސުމީ ހާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ޙާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

"ތައްޔާރު ޕްރޮޖެކްޓް" އަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު (ތައްޔާރުކަން) އިތުރުކުރުމަށްޓަކައި މޫސުމާ ބެހޭ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 

މިއީ ޔޫއެންޑީޕީ އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި، ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގޭ މަޝްރޫޢެކެވެ.

މެޓް އޮފީހުގެ އައު ވެބްސައިޓް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި އަލުން ފަރުމާކުރެވިފައިވާ "މޫސުން" އެޕްލިކޭޝަން، އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

މެޓް އޮފީސްމޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0