އައްޑޫ އަށް ހުދު ސަމާލު ނެރެފި
ކުރިއަށް އޮތް ފަސް ދުވަހު ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 8:35 އިން ފެށިގެން ދަންވަރު 2:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ، މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ދެކުނުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 5 ދުވަހު ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވި ނަމަވެސް، މި ދުވަސްތަކުގައި އާންމުކޮށް ވައި ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެ އިދާރާއިން ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.