އޭއީއެޗުން ލޯގޯ ފަރުމާކުރުމުގެ މުބާރާތަކަށް ހުޅުވާލައިފި
އައްޑޫގައި ސަރުކާރުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް 3،000 ރުފިޔާ ލިބޭނެ
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން "ގޯލްޑަން 50" ގެ ނަމުގައި ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، މި މުބާރާތަކީ 12 މާޗް 2029 ގައި އައްޑޫގައި ސަރުކާރުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ.
އޭއީއެޗުން ބުނި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ހޮވޭ ފަރުމާއަކީ ފާއިތުވި ފަސް ދަހަރުގެ އަޅައިލުމާއި، ހިދުމަތާއި، ކުރިއެރުން އަދި މުސްތަގުބަލުގެ ތަސައްވުރު ދައްކުވައިދޭ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ކަމަށް އޭއީއެޗުން ބުނެއެވެ. ފަރުމާތައް ހުށަހަޅާއިރު، އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބެލެނިވެރިޔާ އަދި ބައިވެރިޔާ ސޮއިކޮށްފައިވާ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. އަދި 18 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުން ހުށަހަޅަންޖެހޭނީ ބައިވެރިޔާ އަމިއްލައަށް ސޮއިކޮށްފައިވާ އިގުރާރު ފޯމެވެ.
މުބާރާތުގެ ގަވާއިދާއި މި ފޯމުތައް އެ ހޮސްޕިޓަލުގެ ރަސްމީ ޕޯޓަލުން ލިބެން ހުންނާނެ ކަމަށާއި، ފަރުމާތަކާއި ފޯމުތައް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހޮސްޕިޓަލުގެ ކަމާބެހޭ އީމެއިލަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އޭއީއެޗުން ބުންޏެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޕޯޓަލް އަށް
ޒިޔާރަތްކޮށްލައްވާ: https://golden50.aeh.gov.mv/