ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގެ ޖޯޝާއެކު އިޢުޖާޒު އެމްޑީޕީ ގައުމީ މަޖިލީހަށް

ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގެ ޖޯޝާއެކު އިޢުޖާޒު އެމްޑީޕީ ގައުމީ މަޖިލީހަށް

ގިނަ ބަޔަކަށް އިއުޖާޒު އަލީ އެނގޭނީ، ލިންކް ރޯޑުގެ ހާލަތު ކިޔައިދިން ވީޑިއޯ އިން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެއީ އޭނާ އާއި އައްޑޫގެ މައްސަލަތަކުގެ ވާހަކަ ދެއްކި ހަމައެކަނި ފަހަރެއް ނޫނެވެ. އައްޑޫގެ ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ލިންކް ރޯޑުގެ ހާލަތު ބަޔާންކޮށް ހެދި ވީޑިއޯ އަކީ ފަހަރުގައި އޭގެ އެންމެ ފުރިހަމަ އެއް މަސައްކަތަށް ވެދާނެއެވެ.

އައްޑޫގެ ރައްޔިތުންގެ އަޑުތަކާޢި އައްޑޫގެ މައްސަލަތަކުގެ އަޑު އުފުލަމުން، އެ ޖޯޝާއި އެކު އިއުޖާޒު މިހާރު ނިކުމެ ހުރީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޒުވާނުން ތަމްސީލުކުރާ މެންބަރުގެ މަގާމަށް ވާދަކުރުމަށެވެ.

ސިޔާސީ ލޭބަލް ޖެހޭ ހިސާބުން ގިނަ ބައެއްގެ ނަޒަރުގައި މީހާގެ ގަދަރާއި ހައިބަތު އެތައް ގުނައަކުން ވެއްޓިގެންދާނެކަން އިޢުޖާޒަށް ކުރިންވެސް އެނގެއެވެ. ސިޔާސީ ކަންކަމަކީ ފައިދާއެއް ނެތް އަދި ކޮރަޕްޝަނުން ފުރިފައިވާ ދާއިރާއެއް ކަމަށް އާންމުން ގަބޫލުކުރާއިރު، ގިނަ ހާލަތްތަކުގައި އޭނާވެސް ދެކެނީ ހަމަ އެފަދައިންނެވެ. ނަމަވެސް ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ސިޔާސީ މައިދާނަށް ނުކުންނަކަން އިޢުޖާޒު ވަނީ އިއުލާންކޮށްފައެވެ.

ސިޔާސީ މަސައްކަތަކީ އޭނާ ދުވަހަކުވެސް އަމިއްލައަށް ގަޔާވި ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ ދާއިރާއެއްވެސް ނޫން ކަމަށް އިޢުޖާޒު ބުންޏެވެ. އެހެންނަމަވެސް، ރަށާއި ސިޓީ އަދި ރައްޔިތުންގެ ހައްގުގައި އޭނާ އަބަދުވެސް އައީ އަޑުއުފުލައި ވަކާލާތުކުރަމުންނެވެ. ސިޔާސީ މައިދާނަށް ފިޔަވަޅު އެޅި ހަމައެކަނި ސަބަބަކީވެސް އެއީ ކަމަށް އޭނާ ފާހަގަކުރިއެވެ. އަމިއްލަ ބުރަ މަސައްކަތާއި ކުރާ އިތުރު މަސައްކަތްތަކުން ހޯދާފައިވާ ކުރިއެރުމާއެކު އަރާމުގައި ދިރިއުޅެން ހުރެވިދާނެ ކަމަށާއި، ނަމަވެސް ކަންކަން އަބަދު އެއްގޮތަކަށް ބަދަލުނުވެ އޮތުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އިޢުޖާޒު ބުނި ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިއްސާކުރުމުގެ އިތުރުން، ތިމާވެއްޓާއި ތަރައްގީއާ ގުޅޭ ބައެއް އެއްވުންތަކުގައިވެސް އޭނާ މީގެ ކުރިން ބައިވެރިވިއެވެ. ނަމަވެސް އޭގެން ނުކުތް ނަތީޖާ ވަރަށް ކުޑައެވެ. އެކަންކަން ހަމައެކަނި ސްޓޭޓަސްތަކަކާއި ޕޯސްޓުތަކަކަށް ވެގެންދާއިރު، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްލުމަށްފަހު ހިމޭނުން ތިބޭ މީހުންގެ ތެރޭގައި ވާން އޭނާ ބޭނުމެއް ނުވެއެވެ. އެގޮތަށް ތިބެގެން އެއްވެސް ކަމެއް ބަދަލުނުވާނެ ކަމަށާއި، އަޑުއަހާނީ ކާކުތޯ އޭނާ ސުވާލު އުފައްދައެވެ. އެހެންކަމުން، އަމިއްލައަށް އިސްނަގައިގެން ފަށައިދީގެން ވިޔަސް، އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ޒުވާނުންގެ މެދުގައި ހޭލުންތެރިކަމުގެ ރާޅެއް އުފައްދައި، ދިވެހިރާއްޖޭގައި އަދި ވަކިން ހާއްސަކޮށް އޭނާގެ ސިޓީ ކަމަށްވާ އައްޑޫގައި އަމިއްލަ ހައްގުތަކަށްޓަކައި އަޑުއުފުލާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ވާދަކުރާ އެހެން މީހުންނާ އޭނާއާ ހުރި އެންމެ ބޮޑު ތަފާތަކީ ސިޔާސީ ދާއިރާއަށް އާވުމާއި، އޭނާއަށް ވުރެ މަތީގައި ތިބި ބައެއްގެ ފަރާތުން ދިވެހިރާއްޖޭގެ ކޮރަޕްޓް ސިޔާސީ އުކުޅުތައް ދަސްކުރުމުގެ އެއްވެސް ނިޔަތެއް ނެތުން ކަމަށް އިޢުޖާޒު ފާހަގަކުރިއެވެ. އޭގެ ސަބަބުން ސިޔާސީ މައިދާނުގައި އޭނާ ބަލިކަށިވި ނަމަވެސް، ރައްޔިތުންނާ ހަމައަށް އަންނައިރު އޭނާ ވަރުގަދަވާނެއެވެ. ސަބަބަކީ ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ އަޑު އަހަންޖެހުމާއި، އޭނާ ތަމްސީލުކުރަނީ ސިޔާސީ ލީޑަރުން ނުވަތަ ޕާޓީއެއްގެ ވިސްނުން ކަމަށް ނުވެ، ރައްޔިތުން ތަމްސީލުކުރާތީ ކަމަށް އޭނާ ބުންޏެވެ. ލީޑަރުން ރައްޔިތުންނަށް ފައިދާއެއް ނެތް ނުވަތަ ރައްޔިތުންގެ މަސްލަހަތާ ފުށުއަރާ ކަމެއް ކުރާނަމަ، ރައްޔިތުންގެ ހައްގުގައި އެ ލީޑަރުންނާ ދެކޮޅަށް ތެދުވާނެ ކަމަށާއި، އޭނާ ތަމްސީލުކުރަނީ ހަމައެކަނި ޒުވާނުން ނޫން ކަމަށާއި މުޅި ގައުމު ކަމަށްވެސް ބުންޏެވެ.

ރިޝްވަތާއި ވަޒީފާގެ ހުށަހެޅުންތަކާއި ބާރުގެ ބޭނުންކޮށްގެން ވޯޓު ގަތުމުގެ ބަދަލުގައި އޭނާ އެދެނީ ރައްޔިތުންގެ އިތުބާރަށް ކަމަށް އިޢުޖާޒު ބުންޏެވެ. މިއަދު ފެންނަ ސިޔާސީ މީހުން ފަދަ މީހަކަށް އޭނާ ނުވާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް ދެމުން އޭނާ ބުނީ، އޭނާ ހުންނާނީ ޒުވާނުންނާއި އެ މީހުންނަށް ފައިދާހުރި ކަންކަމާ އެކުގައި ކަމަށެވެ. ޒުވާނުންނާއި އެ މީހުންގެ ދުޅަހެޔޮކަމަކީ އޭނާ އަބަދުވެސް ވަކާލާތުކުރި ކަމެއް ކަމަށާއި، އޭނާވެސް ދަތިތަކާ ކުރިމަތިލިއިރު ގައުމީ ސިޔާސަތުގެ ތެރޭގައި އެ ތަކުލީފުތައް އުފުލާނެ މީހަކު ނެތް ކަމަށް ފާހަގަކުރިއެވެ. އެހެންކަމުން، ޒުވާނުންގެ ދިފާއުގައި ތެދުވެ، އެ މީހުންގެ ހިޔާލުތައް ހުރިހާ ގޮތަކުންވެސް ކުރިއަށް ނެރެދިނުމުގައި ބުރަވެލެވޭނެ ކޮނޑަކަށް އޭނާ ވާނެ ކަމަށް ބުންޏެވެ.

އިޢުޖާޒު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖެ ފަދަ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގައި ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި ގާބިލު ސިޔާސީ މަގާމުތަކެއް ހުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެކަން ކޮށްފައިވަނީ ހައްދުން ނައްޓާ ވަރަށް ކަމަށާއި، އެއްވެސް ބަޔަކު އެކަން ރަނގަޅަށް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ވަޒީފާތަކުގެ އެއްވެސް އަގެއް ނެތި، ބައެއް މީހުންނަށް ސިޔާސީ ދާއިރާއަކީ ފަސޭހައިން އާމްދަނީ ލިބޭ ވަސީލަތަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ ދެކޭ ގޮތުގައި، ނަތީޖާ ބޮޑުކޮށް އަދި މީހުން ޖަވާބުދާރީ ކުރުވޭނެ ގޮތަށް ސިޔާސީ ވަޒީފާތައް ހުންނަންޖެހޭނީ ވަރަށް މަދުންނެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ތިބީ ސިޔާސީ ވަޒީފާތަކުގައި ކަމަށާއި، އެ މީހުން ކުރާ މަސައްކަތެއް ނޭނގޭއިރު، އެންމެން އެކަމުގައި ޝާމިލުވެފައި ތިބުމުން އެއްވެސް މީހަކު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށްވެސް ބުންޏެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ 2018 ވަނަ އަހަރުގެ ވެރިކަމުން ފެށިގެން އައި ކޮންމެ ސަރުކާރަކުންވެސް އޭނާއަށް ވަޒީފާގެ ހުށަހެޅުންތައް ލިބުނު ކަމަށް އިޢުޖާޒު ބުންޏެވެ. އޭގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންވެސް ދެތިން ފަހަރަކު ވަޒީފާ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ. އޭނާގެ މަސައްކަތުގެ ދާއިރާގެ ގޮތުން ފާއިތުވި އަހަރުތަކުގައި ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކާއެކުވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، ސިޔާސީ މަގާމަކަށް އެދުނު ކަމަށް ނުވަތަ މުސާރައަކާ މެދު މަޝްވަރާކުރި ކަމަށްވެސް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށާއި، އަމިއްލަ ބުރަ މަސައްކަތުން ހޯދި ފައިސާ ފިޔަވައި ނަހަމަ ގޮތުގައި ލިބުނު އެއްވެސް ފައިސާއަކާ ގުޅިގެން އޭނާއާ ދިމާއަށް އިނގިއްޔެއް ދިއްކޮށްނުލެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިހާރު ކުރަމުންދާ މަސައްކަތް ކުރުމަށްޓަކައި ވަޒީފާއެއް ބޭނުންނުވާ ކަމަށާއި، އެއީ ރައްޔިތުންގެ ޓެކްސް ފައިސާ ހިމެނޭ ކަމަކަށް ވާތީ، ކުރިންވެސް ކަންކުރި ފަދައިން އެމްޑީޕީން ހުށަހެޅި ނަމަވެސް އެފަދަ ކޮންމެ ހުށަހެޅުމަކަށް ނޫނެކޭ ބުނާނެ ކަމަށް އިޢުޖާޒު ތަކުރާރުކޮށް ބުންޏެވެ. އޭނާ ބުނަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ނަގައިގެން ބާކީ ބައި ރައްޔިތުންނަށް ހޭދަކުރާނެ ވާހަކަ ނޫން ކަމަށާއި، އެއްގޮތަކަށްވެސް މުސާރައަކަށް މަސައްކަތް ނުކުރާނެ ވާހަކަ ކަމަށް އޭނާ ފާހަގަކުރިއެވެ. އޭގެ ބަދަލުގައި، ސިޔާސީ އިލްމު ފަދަ ގުޅުންހުރި ދާއިރާއަކުން ކިޔަވައިގެން ހުރި، އަދި ގުޅުން ބަދަހިކުރަން ބޭނުންވާ ދާއިރާއަކުން މުޅި އުމުރު ދިރާސާކުރުމާއި ކިޔެވުމާއި ބުރަ މަސައްކަތުގައި ހޭދަކުރި މީހަކަށް، މިހާރު ފެންނަ ބޮޑެތި އަދަދުތަކުގެ ބަދަލުގައި އެކަށީގެންވާ މުސާރައަކާއެކު އެފަދަ މަގާމުތައް ދިނުމަށް އޭނާ އިސްކަންދެއެވެ.

ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ހުރުމާއެކު ބޭނުންވާ ހުރިހާ އެއްޗެއް ލިބިފައިވާތީ ﷲއަށް ހަމްދުކުރާ ކަމަށް އިޢުޖާޒު ބުންޏެވެ. އެހެން ބައިވެރިންނާއެކު އަމިއްލަ ރާގަށް ލަވަކިޔާ މިނިވަން ދޫންޏެއް ކޮށްޓަކަށް ނުލެވޭނެ ކަމަށާއި، ސިޔާސީ ދަލުގައި ޖެހި ހައްޔަރުވުމަށް ވުރެ އޭނާ އިސްކަންދެނީ މިނިވަންކަންމަތީ ދެމިހުރުމަށް ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީއައްޑޫ ސިޓީއައްޑޫއިޢުޖާޒުއެމްޑީޕީ ގައުމީ މަޖިލިސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0