އޭއީއެޗްގައި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ސިސްޓަމެއް
މި ނިޒާމުގެ ބޭނުމަކީ ހޮސްޕިޓަލުގެ މާހައުލުގައި ދިމާވާ ރައްކާތެރިކަމުގެ މައްސަލަތައް ދެނެގަނެ ފިޔަވަޅު އެޅުން
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ސިސްޓަމެއް ތައާރަފްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، މި ސިސްޓަމަކީ ހޮސްޕިޓަލުގެ މާހައުލުގައި ދިމާވާ ރައްކާތެރިކަމާ ގުޅުންހުރި އެކި ހާދިސާތަކާއި މައްސަލަތައް ރަސްމީ ސިފައެއްގައި ރިޕޯޓުކުރުން ފަސޭހަކޮށްދިނުމަށާއި، ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދިނުމުގެ ގޮތުން ތައާރަފުކުރާ ނިޒާމެކެވެ.
މި ހާއްސަ ސިސްޓަމް މެދުވެރިކޮށް ރިޕޯޓުކުރެވޭ މައްސަލަތައް ދެނެގަނެ، ހޮސްޕިޓަލުން ހިދުމަތް ހޯދާ ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށް އޭއީއެޗުން ބުންޏެވެ. އަދި ސިއްހީ ހިދުމަތް ދިނުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތައް ދުރާލައި ދެނެގަތުމަކީ ވެސް މި ނިޒާމުގެ ބޭނުމެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
ހާދިސާތައް ރިޕޯޓުކުރުމުގެ އިތުރުން، މި ސިސްޓަމްގެ އެހީގައި ހިނގާފައިވާ ހާދިސާތައް މުރާޖައާކުރުމާއި، އިސްލާހީ ފިޔަވަޅުތައް އެޅޭ މިންވަރު ބެލުމާއި، ތަކުރާރުވަމުންދާ ނުރައްކާތައް ދެނެގަނެވޭނެއެވެ.
މިއީ ހޮސްޕިޓަލުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދިޔަ މުހިންމު ކަމެއްގެ ގޮތުގައި އޭއީއެޗުން ގަބޫލުކުރެއެވެ.
"ސޭފްޓީ އިންސިޑެންޓް ރިޕޯޓިންގ އެންޑް ލާނިންގ ސިސްޓަމް"އަކީ އޭއީއެޗްގެ އައިސީޓީ ޑިޕާޓްމަންޓުން ތަރައްގީކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.