މާލިއްޔަތު ޤާނޫނާ ޚިލާފަށް އައްޑޫ ހޮސްޕިޓަލަށް 1.3 މިލިއަން ރުފިޔާއަށް ވޭނެއް ގަތްކަން ހާމަވެއްޖެ

މާލިއްޔަތު ޤާނޫނާ ޚިލާފަށް އައްޑޫ ހޮސްޕިޓަލަށް 1.3 މިލިއަން ރުފިޔާއަށް ވޭނެއް ގަތްކަން ހާމަވެއްޖެ

ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޚިލާފަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 1.37 މިލިއަން ރުފިޔާއަށް ވޭނެއް ގަނެފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓް ރިޕޯޓުންނެވެ. 

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހޮސްޕިޓަލަށް ވޭނެއް ގަތުމަށް އަލުން އިއުލާން ނުކޮށް، ފުރަތަމަ އެއްބަސްވި އަގަށް ވުރެ 583،000 ރުފިޔާ ބޮޑުކޮށް 1،378،000 ރުފިޔާއަށް ވަނީ ވޭނެއް ގަނެފައެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮކްޓޫބަރު 4 ގައި ނެރުނު އެ ހޮސްޕިޓަލުގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޅިން އާ ވޭނެއް ގަތުމަށް ފުރަތަމަ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 795،000 ރުފިޔާއަށެވެ.

ނަމަވެސް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އެ ފަރާތަށް ވޭން ސަޕްލައިކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން ފުރަތަމަ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު، އަލުން އިއުލާން ކުރުމުގެ ބަދަލުގައި ހޮސްޕިޓަލުން ނިންމީ ބިޑް އިވެލުއޭޝަންގައި ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ފަރާތާ އެ މަސައްކަތް ހަވާލުކުރުމަށެވެ. ދެވަނަ ފަރާތާ ހަވާލުކޮށްގެން 1،378،000 ރުފިޔާއަށް (ނުވަތަ 1،387،000 ރުފިޔާއަށް) އެ ވޭން ގަނެފައިވާއިރު، މިއީ ފުރަތަމަ މަސައްކަތް ހަވާލުކުރި ފަރާތުން ހުށަހެޅި އަގަށް ވުރެ 583،000 ރުފިޔާ ނުވަތަ 73 އިންސައްތަ ބޮޑު އަގެކެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.45 ވަނަ މާއްދާގެ (ށ) ގައި މާލިއްޔަތުގެ ގަވާއިދު ހިންގުމުގައި ދައުލަތުގެ ފައިސާ ހޭދަކުރެވެނީ ވާދަވެރި މާހައުލެއްގެ ތެރެއިން، އިގުތިސާދީ ގޮތުން އެންމެ ފައިދާހުރި އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެ މަތިންކަން ޔަގީންކުރަންވާނެ ކަމަށް ބަޔާންކޮށްފައިޥާ ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންދާސީހިސާބުތައް ވަޒަންކުރުމުގައި ހުށަހަޅާފައިވާ އަގުތަކާއި އެ ތަނަކުން އެކަމަކަށް އަންދާޒާކުރާ އަގާ އަޅައި ބަލާއިރު، ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްތޯ ބަލަންޖެހޭ ކަމަށެވެ. 

އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް ހޮސްޕިޓަލުން ބަލައިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0