އޭއީއެޗް އިން 10.8 މިލިއަން ރުފިޔާގެ ޓްރާންސްޕޯޓް ކޮމްޕްލެކްސް އެއް ގާއިމްކުރަނީ

ޖުމްލަ 10.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަތަރު މަސް ފަހުން ހަވާލުކޮށްފައިވަނީ ހަތް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އޭއީއެޗްގައި އެންބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އޭއީއެޗް
އޭއީއެޗްގައި އެންބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެންބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެ ހޮސްޕިޓަލުން މިއަދު ސޮއިކޮށްފިއެވެ. 

އައްޑޫޕްލަސް އިން ކުރި ސުވާލެއްގެ ޖަވާބުގައި އޭއީއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓާއެވެ. މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތަށް ޖުމްލަ 10،831،320 ރުފިޔާ (10.8 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އޭއީއެޗް އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެ ހޮސްޕިޓަލުގެ އެންބިއުލާންސާއި ދަތުރުފަތުރުގެ ވަސީލަތްތައް އިތުރަށް ރަނގަޅުކޮށް، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހީތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމަށް އޭއީއެޗުން ބުންޏެވެ. އަދި އާންމު ރައްޔިތުންނަށް ވަގުތުން ވަގުތަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ދެމުންދާ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަކީ ވެސް މި މަސައްކަތުގެ އަމާޒެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

އޭއީއެޗްގެ އެމްބިއުލާންސްތައް މިހާރު މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ އަމިއްލަ ފަރާތްތަކުންނެވެ. އެހެންވެ އެކަމަށް ހޮސްޕިޓަލުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.  އެންބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސް ގާއިމްކުރެވުމުން އެ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް ބެލެވެއެވެ.

އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ކޮމްޕްލެކްސް އެއް ގާއިމްކުރާއިރު، ކުއްލި ފަރުވާގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އައްޑޫ ސިޓީގައި ޕެރަމެޑިކް އެންބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އަދި އިމަޖެންސީ ރެސްޕޮންސްއަށް ޚާއްސަ ޓީމެއް ވެސް ވަނީ އެކުލަވަލާފައެވެ. 


އޭއީއެޗްއައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0