އިމިގްރޭޝަންގެ ބިލުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ: ޝާޑު
އަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ ބިލުގެ ބޭނުމަކީ، ހަމައެކަނި ރާއްޖެ އަންނަ ވަކި ގައުމެއްގެ ވަކި ބަޔަކު ހިފަހައްޓައި، ހައްޔަރުކުރުމަށްފަހު ފޮނުވާލުމަށް ނޫން ކަމަށާއި، އެކަން ކުރަނީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ވެގެންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، މިއަދު އިމިގްރޭޝަންގެ ބިލަށް ބަހުސް ކުރައްްވައި، ދެއްކެވި ވާހަކައިގައެވެ.
މިއީ ކުރީގައި ހަދާފައި އޮތް އިމިގްރޭޝަންގެ ގާނޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ހުށަހަޅާފައިވާ ބިލެއްކަން ޝާޑު ފާހަގަކުރެއްވިއެވެ.
މި ބިލަކީ ހަމައެކަނި، އިސްރާއީލުގެ މީހުންނަށް ހާއްސަކޮށް ފަރުމާކުރެވިގެންދާ ބިލެއް ނޫން ކަމަށާއި، އަދުގެ ސަރުކާރުން މީގެކުރީން ވަނީ އިސްރާއީލުގެ މީހުންނަށް ގައުމަށް އެތެރެނުވެވޭނެ ގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރައްވާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވީ، ރާއްޖެ އަށް ދިމާވެދާނެ ކަންކަމުން ސަލާމަތްކުރުމުގެ އިތުރުން ގައުމުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭނެ އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅަކަށްވެގެންދާނީ، ގައުމުގެ މައިދޮރާށީގެ ތެރެއަށް އެތެރެވާ މީހުންނަކީ ކޮން ކަހަލަ ބައެއްކަން ދެނެގަތުން ކަމަށާއި، މި ބިލުގެ ސަބަބުން އެކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިދައްކަނީ މި ގައުމަށް މި ދެންނެވި ގޮތަށް އަންނަ ވަކި ގައުމެއްގެ ވަކި ބަޔަކު ހިފަހައްޓައި، ހައްޔަރުކޮށް އެމީހުން އަނބުރާ ފޮނުވާލައި ވާހަކައެއް ނޫން.
މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް." ޝާޑު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ގާއިމްކޮށް އެ ހިދުމަތް ހިންގުމާއިގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް މީހުން އައުމާއި ދިވެހިރާއްޖެއަށް މީހުން ފުރުމާއިގުޅޭ ހާއްސަ އަދި އާންމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެއިން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
މީގެއިތުރުން، ބިދޭސީން ދިވެހިރާއްޖެއަށް އައުމާއި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތަކާއި ދިވެހިރާއްޖެއަށް އައުމުގެ ނުވަތަ ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަނެތް ފަރާތްތަކާއިމެދު އަމަލުކުރެވޭނެ އުސޫލުތައް ހިމެނޭގޮތުން އިމިގްރޭޝަނާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައަޅައި ބަޔާންކުރުމެވެ.