ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަވުން ފޭދޫގައި ފާހަގަކޮށްފި

ފޭދޫ ދެކުނު ދާއިރާގެ ގޮފިން ބޭއްވި ހަރަކާތުގައި އެ އަވަށުގެ ދެ ދާއިރާގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި

ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަވުން ފޭދޫގައި ފާހަގަކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެއް ލައްކަ މެންބަރުން ހަމަވުމުން، އެ ޕާޓީގެ ސ. ފޭދޫ ދެކުނު ދާއިރާގެ ގޮފިން އިސްނަގައިގެން މިރޭ އެކަން ފާހަގަކޮށްފިއެވެ. 

މި މުނާސަބަތާ ގުޅިގެން ފޭދޫގައި ބޭއްވި ހާއްސަ ޖަލްސާގައި އައްޑޫގައި ތިއްބަވާ އެ ޕާޓީގެ އިސް އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވަނީ ސަރުކާރަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ދެ ގޮނޑި ވެސް ފުރުއްވަނީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕީއެންސީގައި 100،083 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. 

ޖެނުއަރީ 31، 2019 ގައި އުފެދުނު ޕީއެންސީއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ލައްކަ މެންބަރުން ހަމަކުރި ފުރަތަމަ އަދި ހަމައެކަނި ޕާޓީއެވެ. ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ހަތް ސިޔާސީ ޕާޓީގައި ޖުމްލަ 178،205 މެންބަރުން ތިބިއިރު، އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ހިއްސާކުރަނީ ޕީއެންސީންނެވެ. ދަފްތަރުގައި ދެވަނައަށް އެންމެ މެންބަރުން ގިނަ އިދިކޮޅު އެމްޑީޕީގައި 53،747 މެންބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި 7،751 މެންބަރުން އަދި އެމްޑީއޭގައި 5،749 މެންބަރުން ރަޖިސްޓްރީވެފައި އެބަތިއްބެވެ.

ފޭދޫޕީއެންސީމެންބަރު އިބްރާހިމް ދީދީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0