މަރަދޫ ބޮނޑޮގޭގެ ފުރާޅު އައުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މިއީ އެ އިމާރާތުގެ އެތެރެއަށް ފެން ފޭބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓެއް.
މަރަދޫ ބޮނޑޮގޭގެ ފުރާޅު އައުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަރަދޫ އަވަށު އޮފީހުން ބުނެފިއެވެ.
މަރަދޫ އަވަށު އޮފީހުން ބުނީ، މި މަސައްކަތަކީ އައްޑޫ ސިޓީ ކައުންސިލްގެ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން، މަރަދޫ ބޮނޑޮގޭގެ އެތެރެއަށް ފެން ފޭބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މަރަދޫ ބޮނޑޮގެއަކީ އާސާރީ އަދި ތާރީހީ ބިނާއެކެވެ. މުޅި އައްޑޫގެ ތާރީހާއި ސަގާފަތް އަދި އިހުގެ އިގުތިސާދީ މަސައްކަތްތައް އެއްތަނަކުން ފެންނަ ގޮތަށް، މި ތަން އާޓް ގެލެރީއެއްގެ ގޮތުގައި ފަރުމާކޮށް ހުޅުވާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު 29 ގައެވެ.
މީގެކުރިން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި، މި ގެލެރީ ގާއިމުކުރުމުގެ ބޭނުމަކީ ފަތުރުވެރިކަން ކުރިއެރުވުމާއި، އައްޑޫއަށް ޒިޔާރަތްކުރާ މީހުންނަށާއި ރައްޔިތުންނަށް އެ ސިޓީގެ ތާރީހު އަންގައިދިނުމުގެ އިތުރުން ކައުންސިލަށް އާމްދަނީ ހޯދުމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މި ބިނާއަކީ އާސާރީ ތަނެއްގެ ގޮތުގައި ކައުންސިލުން 2015 ވަނަ އަހަރު ކަނޑައަޅައި، އެ އިމާރާތުގެ އާބާތުރަ ފިލުވުމަށް ފަހު 2016 ވަނަ އަހަރުގެ ނޮވެންބަރު 11 ގައި ހުޅުވާފައިވާ ތަނެކެވެ. މީގެ ކުރިން މަރަދޫ އޭޕީއެސް ޕްރީ ސްކޫލް ހިންގުމަށާއި ސިނަމާއެއްގެ ގޮތުގައި ވެސް ބޮނޑޮގެ ބޭނުންކޮށްފައިވެއެވެ.