އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ކީއްކުރާ ތަނެއް؟
ޕާޓީގެ ކޮންގްރެސް ނެގުމަށްފަހު އެންމެ އިސް ގުނަވަނަކީ ޤައުމީ މަޖިލިސް.
ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާއި މުހިންމު ނިންމުންތައް ނިންމުމުގައި އެ ޕާޓީއެއްގެ ގުނަވަންތަކުން އަދާކުރާ ދައުރަކީ އަބަދުވެސް ސިޔާސީ މަސްރަހުގައި ބަހުސްކުރެވޭ މައުޟޫއެކެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ސިޔާސަތުތައް ކަނޑައެޅުމާއި، ޕާޓީގެ މިސްރާބު ބައްޓަންކުރުމުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބޭނުމަކީ ކޮބައިތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުަށް ކުޑަތަން ވެފައިވާއިރު ގިނަ ބަޔަކުކ އުފައްދާ ސުވާލަކީ، ޤައުމީ މަޖިލީހަކީ ކީއްކުރާ ތަނެއް ހެއްޔެވެ؟
އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ޕާޓީގެ ކޮންގްރެސް ނެގުމަށްފަހު އެ ޕާޓީގެ އެންމެ އިސް ގުނަވަން ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ދެ ކޮންގްރެސް ދެމެދުގައި ޕާޓީގެ އެންމެހައި ކަންކަން ހިންގައި، ސިޔާސީ ގޮތުން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމުގެ އެންމެ މަތީ ބާރު އޮންނަނީ މި މަޖިލީހަށެވެ. އެގޮތުން ގައުމީ ބޮޑެތި މައްސަލަތަކުގައި ޕާޓީން ދެކޭ ގޮތް ހާމަކުރުމާއި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ފާސްކުރުމަކީ މި ގުނަވަނުގެ މައިގަނޑު އެއް ދައުރެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާގައި ޤައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތައް ވަނީ ތަފްސީލުކޮށް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޕާޓީގެ އަމީން އާންމާއި ދާއިމީ ކޮމިޓީތައް އައްޔަންކުރުމާއި، ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅައި މާލީ ބަޔާންތައް ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ދެ ކޮންގްރެސް ބައްދަލުވުމުގެ ދެމެދުގައި ކުރިއަށްގެންދާ ޕާޓީގެ ޕްރޮގްރާމްތައް ދާނުދާ ގޮތް ބަލައި، ސިޔާސަތުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ކޮންގްރެސްގެ ބާރުތަކަށް ފުށުނާރާ ގޮތުން ޕާޓީގެ މަސްލަހަތުތަކަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއް ކުރުމަކީވެސް މި މަޖިލީހުގެ ޒިންމާއެކެވެ. އަދި ޕާޓީގެ ރައީސާއި ޗެއާޕާސަނާ މެދު މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމާ މެދު ބަހުސްކޮށް ލީޑަރޝިޕާ މެދު އިތުބާރު އޮތްތޯ ބެލުމުގެ ބާރުވެސް އޮންނަނީ މި މަޖިލީހަށެވެ.
އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގައިވާ ގޮތުން، ޤައުމީ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ ޗެއާޕާސަނާއި، ޗެއާޕާސަންގެ ނައިބުންނާއި، ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ މައްޗަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮންނައިރު ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީއަށް ނިސްބަތްވާ ވަޒީރުންވެސް މި މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާއި، ޕްރޮވިންސްތަކުގެ ރައީސުންނާއި ދާއިރާތަކުގެ ރައީސުންނަކީވެސް ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.
މި މަޖިލީހުގެ ބައްދަލުވުންތައް ބޭއްވުމާއި ހިންގުމުގައި ވަކި ހަމަތަކެއް އަސާސީ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 30 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް އެންމެ މަދުވެގެން ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވަންޖެހޭނެ ކަމަށާއި، އެ މަޖިލީހުން ފާސްކޮށްފައިވާ ހިންގާ ގަވާއިދެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ ޤައުމީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ އެކަކު އިތުރުވާ އަދަދެވެ. މިހާރު އޮތް ޤައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އަންނަ ހުކުރު ދުވަހު އެ މަޖިލީހުގެ އާ އިންތިހާބު ބޭއްވުމަށް އެމްޑީޕީން ވަނީ ހަމަޖައްސާފައެވެ.