"އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވޭ، އެކަމަކު އަހަރެން ރުހޭ ގޮތަށް އެކަން ކުރަން އެމީހުން ބޭނުމެއްނުވޭ"
ތެލުގެ އަގުތަކަށް އަންނާނެ ބަދަލު ބިނާވާނީ އީރާނާއެކު އޮތް މައްސަލަ ހައްލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.
އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އެމަނިކުފާނަށް ގަބޫލުކުރެއްވޭ ފަދަ އެއްބަސްވުމަކަށް އަންނަން އެ ގައުމުން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ތެލުގެ އަގުތަކާއި އީރާނާއެކު އޮތް ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ފަހަކަށް އައިސް ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް ޕެޓްރޯލްގެ އަގު މިއަށްވުރެ ވެސް ބޮޑަށް ހެޔޮވެގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ތެލުގެ އަގުތަކަށް ބަދަލު އައުމުގެ މިސްރާބު ބިނާވެގެންދާނީ އީރާނާއެކު އޮތް މައްސަލަތައް ހައްލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
"އެމީހުން ބޭނުންވޭ އެއްބަސްވުމަކަށް އަންނަން، އެކަމަކު އަހަރެން ރުހޭ ގޮތަށް އެކަން ކުރާކަށް އެމީހުން ބޭނުމެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.