އެމެރިކާ އިން އަނެއްކާވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި
އީރާނުގެ 8 މީހަކާއި ވިޔަފާރިކުރާ 22 ކުންފުންޏެއް މި ލިސްޓުގައި ހިމެނޭ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އީރާނާ ގުޅުންހުރި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެކަން އިއުލާންކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން އިއުލާންކުރި މި ފިޔަވަޅުތައް މަދުވެގެން 8 މީހަކަށާއި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ 22 ކުންފުންޏަކަށް އަމާޒުވެއެވެ.
މި ފަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ 8 މީހުންނަކީ އީރާނުގެ ރައްޔިތުންނެވެ. އެ މީހުންނަކީ މެއްލަތު އެކްސްޗޭންޖް ކޮމްޕެނީއާއި، މީނާ ފަޝްކީ އެންޑް ޕާޓްނާސް އެކްސްޗޭންޖް ކޮމްޕެނީގެ އިތުރުން ރަހްބަރު ބާޒާރުގާނީ ނަސީމް ބަހާރާން ގެޝްމް ކޮމްޕެނީއާ ގުޅުން އޮންނަ ބައެއް ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެއެވެ.
މީގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ރަޖިސްޓްރީކޮށްފައިވާ މަދުވެގެން 16 ކުންފުންޏަކަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އަދި ޔޫއޭއީގެ ކުންފުނިތަކުގެ އިތުރުން، ތުރުކީއާއި ހޮންކޮންގުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއް ވެސް މި ފަހަރު ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރޭގައި ހިމެނެއެވެ.