ދަރަނީގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތްކޮށް، އިގުތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ: ރައީސް

ދިވެހި ތާރީހު ދުށް ހުރިހާ ޝަހީދުން ވެސް ހިޔާރުކުރެއްވީ ދިވެހި ވަތަން ކަމަށާއި، އިސްކަން ދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަން، އަދި މުސްތަގުބަލުގެ ތަރައްގީއާއި ކުރިއެރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަގުރީރުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަގުރީރުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ގައުމު ސަލާމަތްކޮށް، އިގުތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މިހެން ވިދާޅުވީ، ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރުކުރައްވަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ރޭ އޮތް ރަސްމީ ޖަލްސާގައި ގައުމާ މުހާތަބްކުރައްވައި މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ގުރުބާނީގެ އަގުވަޒަންކުރައްވާފައެވެ. 

މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހު ދުށް ހުރިހާ ޝަހީދުން ވެސް ހިޔާރުކުރެއްވީ ދިވެހި ވަތަން ކަމަށާއި، އިސްކަން ދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަން، އަދި މުސްތަގުބަލުގެ ތަރައްގީއާއި ކުރިއެރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ތާރީހުން ފެންނަން ހުރި އިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ހަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމަށް ގައްދާރުވުމުގެ ނަތީޖާ އަކީ އަބަދުވެސް އަބާއްޖަވެރިކަންކަމުގައި ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަންކަމުގައެވެ.

ނޮވެންބަރު ތިނެއްގެ ނުރައްކާތެރި އުދުވާނީ ހަމަލާއަށް ފަހު، 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާކަން ފާހަގަކުރައްވާ، އެ ކުދީންނަށްޓަކާ އަދާކުރާންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މިކަންކަމުގެ ބިންގާ ގޮސް ގުޅެނީ ގައުމުގެ މިނިވަންކަމާއި، އިގުތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިގުލާލުގެ ދެމި އޮތުމުގެ ކަށަވަރުކަމާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ގައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެ ގައުމެއްގައި ސަލާންޖަހަން ނުޖެހޭ އިގުތިސާދަކަށް ފުރާނައެޅުވިގެންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ހަލާސްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމެއްގެ ހަގީގީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިގުތިސާދެއް ބިނާކުރެވިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ، ދިވެހި ގައުމީ ބަހާތަކަށް ދިރުން ގެނެސް، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރަން ކަމުގައެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަމާއި ޖަމާއަތުގެ ބާއްޖަވެރިކަން ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި އުފާވެރި މުސްތަގުބަލަކަށް އަމާޒު ހިފުމަށް މުޅި ގައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0