ތަހުޒީބު މުޖުތަމައެއްގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
ގައުމުގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުމާއި ހަމަޖެހުމާއި އެއްބައިވަންތަކަން ކަމަށް ރައީސް ވިދާޅުވި.
މާނަވީ އިންސާނީ ބިނާކުރުމާއި އުމްރާނީ ތަރައްގީ ހާސިލުވެފައިވާ ތަހުޒީބު މުޖުތަމައެއްގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލެއްވީ، ޒުވާނުންގެ މަރުކަޒުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖުމްހޫރީ ދުވަހެއްގައި ޝިއާރަކަށްވާންވީ “ދިވެހީންގެ ރާއްޖެ – ތަހުޒީބު މުޖުތަމައު” ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ތަރައްގީގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުމާއި ހަމަޖެހުމާއި އެއްބައިވަންތަކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ތަސައްވުރަކީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ދިވެހިރާއްޖެ އާ ޒަމާނަކަށް ހިނިތުންކުރުމެވެ. އެގޮތުން އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވިފައިވާ، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެފައިވާ، މޫސުމީ އަދި ދުނިޔަވީ އަސަރުތަކަށް ވިލުންތެރި ގައުމެއް ބިނާކުރުމަކީ އަމާޒު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ހުރިހާ މާނައެއްގައި ޝާމިލު، ގުޅުންތެރިކަން ގާއިމުކުރެވިފައިވާ، އީޖާދީ އަދި އުފެއްދުންތެރި އިގުތިސާދެއްގެ ވެރި، ދުޅަހެޔޮ ތައުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ، އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމައަކަށް ދިވެހިރާއްޖެ ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ގައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންނާ ހަމައަށް މި ގައުމު ވާރުތަވެފައިވަނީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ސަގާފަތެއް ހިއްސާކުރާ، އަމާން ރައްކާތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހިރާއްޖެ ހޯދާފައިވާ ހުރިހާ ކުރިއެރުމެއްގެ އަސްލަކީ ދިވެހީންގެ އުންމީދީ ވިސްނުމާއި، އަހުވަންތަ އެކުވެރިކަމާއި، ގައުމީ ސަފުތަކުގެ ބަދަހިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖުމްހޫރީ ދުވަހު ދިރުވަންވީ ދިވެހި ރައްޔިތުންގެ މުސްތަގުބަލުގެ އަމާންކަމަށް އާނއެކޭ ބުނުމުގެ ރޫހު ކަމަށެވެ. އަދި ދިވެހި ގައުމުގެ އަމާންކަމަށް ހުރަސްއަޅައި، މުސްތަގުބަލުގެ ކުރިއެރުމަށް ލޮޅުންއަރުވަން މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން އެދި އެމަނިކުފާނު ދުއާކުރެއްވިއެވެ.