ދިވެހިން އަބަދުވެސް އިސްކޮށްފައިވަނީ ގައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުން: ރައީސް
ތަރައްގީގެ ބޮޑެތި ބަދަލުތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ ދިވެހިން ހޯދި ކާމިޔާބީތައް ރައީސް ފާހަގަކުރެއްވި.
ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ގައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކަށް މަދު ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ޝައްކުތައް ކުރިމަތިވި ނަމަވެސް، އަންހެން ކުދިންނަށް ތައުލީމު ދިނުމާއި، ރަށްރަށުގައި މަގުކެނޑުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި، ފަތުރުވެރިކަމުގެ ސިނާއަތް އުފެއްދުމުގައި ދިވެހިން ހޯދި ކާމިޔާބީތަކަކީ އެކަމުގެ އަލިގަދަ މިސާލުތަކެއް ކަމަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހިދުމަތްތައް ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، އަންހެން ކުދިންނަށް ތައުލީމު ދިނުމަށް އެމަނިކުފާނު ވަކާލާތުކުރައްވަން ފެއްޓެވުމުން، އެއީ ކުރަން ހެޔޮނުވާވަރުގެ ކަމެއް ކަމަށް ބައެއް މީހުން ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ގެންނެވި އެ ބަދަލުގެ މަންފާ މުޅި ގައުމަށް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށްރަށުގެ ހަނި ގޯޅިތައް، ފުޅާ ތަނަވަސް މަގުތަކަށް ބަދަލުކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ވެސް ދެކޮޅުވެރިކަން އަމާޒުވި ނަމަވެސް، ވިސްނޭ ދިވެހި ރައްޔިތުން އެ މަދަނީ ތަހުޒީބަށް މަރުހަބާ ކިޔާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާސިރުގެ ޒައާމަތުގައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުމުން، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެންދާނެ ކަމަށް ބުނެ މަދު ބަޔަކު އެކަމަށް އިންކާރުކުރިކަން ވެސް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޅ. ނައިފަރު “އުންމީދު” ދޯންޏާއި އެ ނޫން ވެސް އޮޑިވެރިންގެ އިސްނެގުމާއެކު، އެ ކުށްހީތައް ނައްތާލައި އެކަމުގެ ސަބަބުން މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެފަދައިން، ރާއްޖޭގެ ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވިދާނެ ސިނާއަތެއް ނޫން ކަމަށް ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ނިންމި ނަމަވެސް، ދިވެހި ދެތިން ބޭފުޅެއްގެ ބުރަ މަސައްކަތުން އެ ސިނާއަތް އުފައްދައި، ދިވެހި އިގުތިސާދުގެ އެންމެ އުސް ތަނބަށް އެ ސިނާއަތް ހެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ. މި ތާރީހީ ހާދިސާތަކުން ސާފުވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއްކަން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި އެއަށްފަހު ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ވާސިލުވި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެންބަރު 11 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ، 1968 ގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުވި ތާރީހީ ދުވަހާ ގުޅުވައިގެންނެވެ.