މި ސަރުކާރުގައި 80 އިންސައްތަ އިތުރަށް ޑޮލަރު ދޫކޮށްފައިވޭ: ވަޒީރު ސަޢީދު
ކުރީގެ
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅައި
ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 80 އިންސައްތަ އިތުރަށް
ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި
ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު
ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު
ނެތް ކަމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން
ވަޒީރު ވިދާޅުވީ،
ރައީސް ސޯލިހުގެ ސަރުކާރުގައި ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) އަށާއި، ކާޑާއި، އީކޮމާސް
އަދި ބޭރަށް ދަތުރުކުރުން ފަދަ ކަންކަމަށް 2021ވަނަ އަހަރު އެކަނިވެސް ބޭންކް އޮފް
މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 253.8 މިލިއަން ޑޮލަރު ދޫކުރި ކަމަށެވެ.
މީގެ
އިތުރުން، 2022ވަނަ އަހަރު 379.2 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި،
ނޮވެންބަރު 17، 2023 ގެ ނިޔަލަށް 442.6 މިލިއަން ޑޮލަރު ދޫކުރި ކަމަށް ސަޢީދު
ވިދާޅުވިއެވެ.
މި
ސަރުކާރުގައި ޑޮލަރު ދޫކުރި އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވި
ގޮތުގައި، 2024ވަނަ އަހަރު ވަނީ 486.5 މިލިއަން ޑޮލަރު ދޫކޮށްފައެވެ. އަދި
2025ވަނަ އަހަރު 733.8 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރުގެ މިހާތަނަށް 718.5
މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއާއެކު، މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި މި ވެރިކަމުގައި މިހާތަނަށް ހޭދަވީ މުއްދަތުގައި ބޭންކުން އެކި އެކި ބޭނުންތަކަށް މުޅި ޖުމްލަ ދޫކޮށްފައިވާ ޑޮލަރުގެ އަދަދުތައް ވަޒީރު ހާމަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ، މި ވެރިކަމުގައި މިހާތަނަށް ޖުމުލަ 1.9 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، މިއީ އެމްޑީޕީ ވެރިކަމުގެ ފަހު ތިން އަހަރުގައި ދޫކުރި 1.07 ބިލިއަން ޑޮލަރާ އަޅާބަލާއިރު 80 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.