ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު މަޖިލީހަށް
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލުގެ ފުރަތަމަ ކިއުން މިއަދު އިއްވާނެއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމާއި، އަދި މުޖުތަމައުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމުކުރުމާއި، އަބުރާބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރުމާއެކު، އަބުރާބެހުމަކީ މަދަނި ކުށެއް ކަމުގައި ކަނޑައަޅައިދިނުމެވެ.
މީގެއިތުރުން، އަބުރާބެހުމަކީ ކޮބައިކަމާއި، އަބުރާބެހުން ކަމަށް ނުބެލެވޭނެ ހާލަތްތަކާއި އިމްތިޔާޒު ލިބިގެންވާ ހާލަތްތައް ބަޔާންކޮށް، އަބުރާބެހެވޭ ފަރާތުގެ ކިބައިން މައާފަށް އެދުމާއި، ބަދަލުވިނުމަށް ހުށަހެޅުމާއި، އަބުރާބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އެންމެހައި އުސޫލުތަކާއި ހަމަތައް ބަޔާންކުރުމެވެ.