ކޭންޑީ ސިޓީއާއެކު އެމްއޯޔޫގައި ސޮއިކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި

ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ހުށަހެޅުން ފާސްކޮށްފައިވޭ

މީގެކުރީން ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
މީގެކުރީން ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ސްރީ ލަންކާގެ ކޭންޑީ ސިޓީއާ އެކު ސިސްޓާ ސިޓީ ގުޅުން ގާއިމުކުރުމުގެ ފަހުމުނާމާ (އެމްއޯޔޫ) ފާސްކޮށް، އޭގައި ސޮއިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. 

ކައުންސިލްގެ ޖަލްސާގައި މި ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާފައިވަނީ "ސްރީ ލަންކާގެ ކޭންޑީ ސިޓީއާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ގުޅުން ގާއިމުކުރުމަށް ހުށަހަޅާފައިވާ އެމްއޯޔޫ ފާސްކޮށްދެއްވުމަށާއި އެމްއޯޔޫ ގައި ސޮއިކުރުމަށް ފެންނަކަމަށް" އޮތް ހުށަހެޅުމެކެވެ. 

މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ އެމްއޯޔޫ ފާސްކޮށް އޭގައި ސޮއިކުރުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ.

އައްޑޫ ސިޓީއަކީ ހަ އަވަށެއްގެ މައްޗަށް އެކުލެވިގެންވާ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ. ސްޓްރޯންގް ސިޓީޒް ނެޓްވޯކުން ޖެނުއަރީ 14، 2025 ގައި ބުނެފައިވާ ގޮތުގައި، 33،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ އުމްރާނީ ވަސީލަތްތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރާއި ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާ އެކު އެ ސިޓީ ކައުންސިލުން ދަނީ ތަރައްގީގެ އެކި މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ސިސްޓާ ސިޓީ ގުޅުން ގާއިމުކުރުމަށް ފާސްކުރި ކޭންޑީ ސިޓީ ހިންގާ ކޭންޑީ މުނިސިޕަލް ކައުންސިލް (ކޭއެމްސީ) އަކީ 1866 ވަނަ އަހަރު އުފައްދާފައިވާ، ސްރީ ލަންކާގެ އެންމެ ދުވަސްވީ އަދި ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ލޯކަލް ގަވަމެންޓް އިދާރާތަކުގެ ތެރޭގައި ހިމެނޭ ކައުންސިލެއް ކަމަށް އެ ކައުންސިލުން ބުނެއެވެ. މީގެ ކުރިން ޖުލައި 8، 2021 ގައި ކޭންޑީ ސިޓީއާއި ތައިލެންޑުގެ އަޔުއްތަޔާ ސިޓީއާ ދެމެދު ވެސް ސިސްޓާ ސިޓީ ގުޅުން ގާއިމުކޮށްފައިވާ ކަމަށް ތައިލެންޑުގައި ހުންނަ ސްރީ ލަންކާގެ އެމްބަސީން ބުނެފައިވެއެވެ.

އައްޑޫ ސިޓީއައްޑޫކޭންޑީ ސިޓީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0