އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސް ފަތުރުވެރިން ގާތަށް
ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގެ ތަސައްވުރު ހިއްސާކުރައްވައި، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމުކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި
އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލް، އެ ރަށުގައި ދިރިއުޅޭ ބައެއް ފަތުރުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އައިލޯރިއާ އައްޑޫއިން ބުނި ގޮތުގައި، އެ ތަނުގެ ފަތުރުވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ރައީސް ވަނީ ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރު އެ ފަރާތްތަކާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ހިޔާލު ބަދަލުކުރުމަށާއި، ތަފާތު ވިސްނުންތައް ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް އައިލޯރިއާ އައްޑޫއިން ފާހަގަކުރެއެވެ.
އަދި ރަށްތަކުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ރަނގަޅު މުސްތަގުބަލެއް ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ރައީސް އަލިއަޅުއްވާލައިފައިވެއެވެ.
މީގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގައި ފަތުރުވެރިކަމުގެ ކުރިމަގު އޮތްކަމަށް ގަބޫލުކުރައްވާ ރަށު ފެންވަރުގައި ކައުންސިލްތަކުގެ ވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ހިތްވަރު ފާހަގަކޮށް، އައިލޯރިއާ އައްޑޫން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.