3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު މަރަދޫފޭދޫ މީހަކު ހައްޔަރުކޮށްފި

ބަންދުކޮށްފައިވަނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައި

އެއާޕޯޓުގައި އެކްސްރޭ މެޝިނެއް ބޭނުންކޮށްގެން ކަސްޓަމްސްގެ އޮފިސަރުން ލަގެޖެއް ޗެކްކުރަނީ. ފޮޓޯ: ކަސްޓަމްސް
އެއާޕޯޓުގައި އެކްސްރޭ މެޝިނެއް ބޭނުންކޮށްގެން ކަސްޓަމްސްގެ އޮފިސަރުން ލަގެޖެއް ޗެކްކުރަނީ. ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް 3.51 ކިލޯގެ ކެނަބިސް އެތެރެކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައި ސ. މަރަދޫފޭދޫ އަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. 

 ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި 45 އަހަރުގެ އިސްމާއިލް ނަސީރު ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

މި މައްސަލައަކީ ފާއިތުވި ބުރާސްފަތި ދުވަހު ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ ގެނައި ތިން ދާގީނާއެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ. ކޮންމެ ދާގީނާއެއްގައި ހަތަރު ވެކިއުމް ޕެކެޓު ހިމެނޭހެން، ޖުމުލަ 12 ވެކިއުމް ޕެކެޓުގައި ހުރި އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ޕެކިންއާއެކު އޭގެ ޖުމުލަ ބަރުދަނުގައި 3.51 ކިލޯގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އިސްމާޢީލް ނަޞީރާއި މުޙައްމަދު ޒިޔާދު ސައިކަލެއްގައި އައިސް، އޭގެ ތެރެއިން އެއް ދާގީނާ ހިފައިގެން އިސްމާޢީލް ނަޞީރު ދިއުމުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އެ ވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި މުޙައްމަދު ޒިޔާދު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެ ތިން ދާގީނާއާ ބެހޭގޮތުން ސުވާލުކުރުމުން، އެއީ މުޙައްމަދު ޒިޔާދު ބުނެގެން ހަވާލުވި ތަކެތި ކަމަށާއި، ގެސްޓްހައުސްއެއްގެ ރޫމް 302 ގައި އެ ތަކެތި ބެހެއްޓުމުން ފައިސާ ދޭނެ ކަމަށް މުޙައްމަދު ޒިޔާދު ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓުގައި އިސްމާޢީލް ނަޞީރު ވެސް ބުނެފައިވަނީ އެކަން ކުރީ ފައިސާ ދޭނެ ކަމަށް މީހަކު ބުނުމުން ކަމަށާއި، އެ ތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް، އޭނާގެ ކުޑަކަމުދާ ތަކެތި އޯޕީއައި އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާތީއާއި، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވެއެވެ. 

މަސްތުވާތަކެތިކުށްކުރުންމަރަދޫފޭދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0