މައިލޯ ސިޓީގެ މާޖިދާއާއި ހަައްވަ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

މައިލޯ ސިޓީގެ މާޖިދާ (ކ) އާއި ހައްވަ. ފޮޓޯ: ވީއޭއެމް
މައިލޯ ސިޓީގެ މާޖިދާ (ކ) އާއި ހައްވަ. ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

މާލޭ ބީޗް ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ޓީމް މިޑްލް ބްލޮކަރސްގެ ހައްވާ ނާޒިމާއާއި އާމިނަތު ރިޔާސާގެ ޕެއާ އަތުން މައިލޯ ސިޓީގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.

މި މެޗުގެ ސެޓުތައް މައިލޯ ސިޓީގެ ޕެއާ ގެންދިޔައީ، 21-07 އަދި 21-17އިންނެވެ.

މި މަހުގެ 9 އިން 12 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ 13 ޓީމެވެ. 

މި މުބާރާތުގައި އައްޑޫގެ ދެ ޓީމު ކަމަށްވާ، މައިލޯ ސިޓީއާއި ޔުނައިޓެޑް މައިލޯ ވާދަކުރެއެވެ.

މުބާރާތުގެ މެޗުތައް ކުޅެނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. އެގޮތުން، ހުރިހާ ޓީމެއްވެސް ވިނާސް ބްރެކެޓުން ފަށާއިރު، މޮޅުވާ ޓީމުތައް މުބާރާތުގައި ކުރިއަށްދާނެއެވެ. އެއަށްފަހު، ވިނާސް ބްރެކެޓުން ބަލިވާ ޓީމުތައް ވާދަކުރާނީ ލޫޒާސް ބްރެކެޓުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ވިނާސް ބްރެކެޓުން އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ ޓީމާއި، ލޫޒާސް ބްރެކެޓްގެ ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދާ ޓީމުގެ މެދުގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރުއެވެ.

އައްޑޫ ސިޓީއައްޑޫވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްވީއޭއެމްބީޗް ވޮލީވޮލީބޯޅަމައިލޯ ސިޓީ ސްޕޯޓްސް ކްލަބް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0