އައްޑޫ ޕޮލިސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ކްލަބް އެސްސީއާ އެންސީޕީއެލްއީ ބައްދަލުކުރާ މެޗު މިރޭ
އައްޑޫ ސިޓީގެ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އައްޑޫ ޕޮލިސް ފުޓްސަލް ކަޕް 2026" ގެ ފައިނަލުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ މެނޭޖްމަންޓް ޔުނިޓް (ކްލަބް އެސްސީ) އާއި ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ޓީމު ބައްދަލު ކުރަންޖެހިއްޖެއެވެ.
މި މަހުގެ 1 އިން 11 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޑިއަމްގެ އިރުން ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ ފައިނަލުން ކްލަބް އެސްސީ ޖާގަ ހޯދީ ސެމީ ފައިނަލުގައި ހިތަދޫ ޕޮލިސް ބަލިކޮށްގެންނެވެ. ފައިނަލުގެ އަނެއް ޖާގަ އެންސީޕީއެލްއީން ހޯދީ ސެމީގައި ގަން ޕޮލިސް ޓީމު އަތުން މޮޅުވެގެންނެވެ.
މުޅިއެކު ފަސް ޓީމުގެ މެދުގައި ކުރިއަށްދިޔަ މުބާރާތުގައި ބައިވެރިވީ ޓީމުތަކަކީ؛ ކްލަބް އެސްސީއާއި އެންސީޕީއެލްއީގެ އިތުރުން ހިތަދޫ ޕޮލިސް ޓީމާއި، ގަން ޕޮލިސް ޓީމުގެ އިތުރުން ހުޅުމީދޫ ޕޮލިހެވެ.
މުބާރާތުގެ ފުރަތަމަ ބުރު ލީގު އުސޫލުން ކުޅެވިގެންދިޔައިރު، ހުރިހާ މެޗެއް ކާމިޔާބުކުރީ ހިތަދޫ ޕޮލިސް ޓީމެވެ. އެއަށްފަހު، މުބާރާތުގެ ސެމީގައި ކުޅުނީ ލީގު ބުރުން އެންމެ ކުރިހޯދީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ.