މެލޭޝިޔާގެ އެކްސްޕޯއިން ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި މުހިންމު ގުޅުންތަކެއް ޤާއިމުކުރެވުނު: ކައުންސިލް
ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިޓީ ތަރައްގީކުރަން ފުރުސަތުތައް ކޮބައިކަން އެނގުނު ކަމަށް ކައުންސިލުން ބުނޭ.
މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ބޭއްވި ފަސްވަނަ ސްމާޓް ނޭޝަން އެކްސްޕޯ 2026 ގައި އައްޑޫ ސިޓީ ކައުންސިލްގެ ވަފުދެއް ބައިވެރިވެއްޖެއެވެ.
ނޮވެންބަރު 17 އިން 19 އަށް މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރު (މައިޓެކް) ގައި ކުރިއަށްދިޔަ މި އެކްސްޕޯގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއާއި ކައުންސިލަރު އިސްމާއީލް ސައީދުގެ އިތުރުން އެ ކައުންސިލްގެ ސީނިއާ ކޮމްޕިއުޓާ ޓެކްނީޝަން މޫސާ އަލީ ނަސީރެވެ.
ސިޓީތައް ބާރުވެރިކުރުވައި މުޖުތަމައުތަކަށް ކުރިއެރުން ހޯދައިދިނުމުގެ ޝިއާރުގެ ދަށުން ބޭއްވި މި އެކްސްޕޯގައި 200 އަށް ވުރެ ގިނަ ކުންފުންޏާއި ބްރޭންޑުން ބައިވެރިވެފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ދަތުރުގެ ތެރެއިން އެ ކައުންސިލުން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ އާ ގޮތްތައް ވަނީ ދެނެގަނެފައެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަނދަރުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް މި އެކްސްޕޯގެ ތެރެއިން ހޯދާފައިވެއެވެ.
އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި އިގުތިސާދު ސިންދަފާތުކުރުމަށް ސްމާޓް ފާމިން ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތައް ބަލައި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއެކު ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރުމަށް މުހިންމު ގުޅުންތަކެއް ގާއިމުކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، އިގުތިސާދު ވަރުގަދަކުރުމުގެ އިތުރުން ދެމެހެއްޓެނިވި އަދި ގުޅިލާމެހިފައިވާ ޒަމާނީ ސިޓީއެއް ބިނާކުރުމަށް އެ ކައުންސިލުން ދެމިއޮންނާނެ ކަމަށެވެ.