ނޮވެމްބަރ ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި
ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3ގެ އައްޑަނަ ފަސްބޭފުޅަކަށް އަރުވައިފިއެވެ.
އެބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނާ އިސްތިގުބާލުކުރެއްވީ، ދިފާޢީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ރޭގެ ޖަލްސާ ރަސްމީ ގޮތުން ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ.
ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމުގައިވާ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީއާއި، ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދެވެ.
މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅައި ދެއްވިއެވެ. ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ގައުމާ މުހާތަބު ކުރައްވާފައެވެ.
މި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.