މިހާތަނަށް 4061 ޒުވާނުންނަށް އެކިކަހަލަ ލުއި ލޯނު ފެސިލިޓީ މި 3 އަހަރުތެރޭ ފޯރުކޮށްދެވިއްޖެ: ރައީސް
އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ފުރުސަތުތަކުގެ އެހީގައި އެފަރާތްތަކުން އަމިއްލަ ކުދި ވިޔަފާރިތައް ފަށައިގެން، ނުވަތަ ފަށާފައިހުރި ވިޔަފާރިތައް ފުޅާކޮށް، ވަރުގަދަކުރަމުންދާ ކަމުގައި ވިދާޅުވި
މިހާތަނަށް 4061 ޒުވާނުންނަށް އެކިކަހަލަ ލުއި ލޯނު ފެސިލިޓީ މި 3 އަހަރުތެރޭ ފޯރުކޮށްދެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރު ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދީ ގޮތުން ޒުވާނުން ބާރުވެރިކުރުމަށް އަމާޒުކޮށް ސަރުކާރުން ވޭތުވެދިޔަ 3 އަހަރު ތެރޭގައި ފައިނޭންސިން ފުރުސަތު ވަރަށް ލުއި ގޮތެއްގައި ފޯރުކޮށްދެވިފައިވާ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން އަންހެން ވިޔަފާރިވެރީންނަށް ހާއްސަ ފައިނޭންސިން، ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިން، ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ފައިނޭންސިން، ފަށާ މަދަދު ފައިނޭންސިން، ތިޖާރާ ރަށު ފަތުރު ފައިނޭންސިން ސްކީމް ފަދަ އެކިއެކި ފައިނޭންސިން ފުރުސަތުތަކުގެ ތެރެއިން އިގުތިސާދު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ފުރުސަތުތަކުގެ އެހީގައި އެފަރާތްތަކުން އަމިއްލަ ކުދި ވިޔަފާރިތައް ފަށައިގެން، ނުވަތަ ފަށާފައިހުރި ވިޔަފާރިތައް ފުޅާކޮށް، ވަރުގަދަކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ދާއިރާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އިންޑިވިޑުއަލް ޕްރޮސްޕެރިޓީ ހޯދަދިނުމަކީ ނުވަތަ އާންމު ރައްޔިތުން މުއްސަނދިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މީގެ އަހަރެއް ނުވަތަ ދޮޅު އަހަރެއް ކުރިން އެމް.އެސް.އެމް.އީ ސެކްޓަރއާ ބައްދަލުކުރި އިރުގައި އެފަރާތްތަކުން ހިއްސާކުރެއްވި ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެސް.އެމް.އީ ސެކްޓަރއަށް ދިމާވެފައިވާ އެތައް ކަމެއް ޙައްލުކޮށްދެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތައް ޙައްލުކުރުމުގެ އިތުރުން އަންނަ ޖެނުއަރީ މަހުން ފެށިގެން ގާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއެކީގައި އެންމެ ކުދި - ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ ރޯމެޓީރިއަލް އައިޓަމްތަކުގެ ޑިއުޓީ، 1 ޖަނަވަރީ 2027 އިން ފެށިގެން %0 ރޭޓުގައި ނަގާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށާއި ޖީއެސްޓީ ތްރެޝޯލްޑް، 1 ޖަނަވަރީ 2027 އިން ފެށިގެން 1.5 މިލިއަނަށް މަތިކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ޕޭމަންޓް ޕްލެޓްފޯމުތަކަށް ދޮރު ހުޅުވައިދެމުން ގެންދަވާ ކަމަށާއި އެގޮތުން ޕޭޕަލް ތައާރަފު ކުރެވިއްޖެ ކަމަށާއި އެއްކޮށް އަދި ފުޅާކުރެވެން ޖެހުނު ނަމަވެސް، ފުރަތަމަ ކަމަކަށް މިހާރު ތައާރަފު ކުރެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެބޭންކުގެ އަމިއްލަ އެޕެއް ކަމުގައިވާ ސްވައިޕް މިހާރު ތަޢާރަފުކުރެވި ވަރަށް ފުޅާކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ޑޮލަރު ޕޭމަންޓް ގޭޓްވޭވެސް މިހާރު ހުޅުވައިދެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.