އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

މި ދަތުރުފުޅަކީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް

އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ތުރުކީގައި ބޭއްވި އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސްގެ ދެކަނބަލުން މިވަގުތު އަންތާލިޔާގައި ތިއްބެވީ މި ނޮވެންބަރު މަހުގެ 10 އިން 14 އަށް އެ ސިޓީގައި ކުރިއަށްދާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ބައްދަލުވުން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ގައުމުތަކުގެ އެންމެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ދެމެހެއްޓެނިވި، ވިލުންތެރި އަދި ހަމަހަމަ މުސްތަގުބަލަކަށް ވާސިލުވުމުގެ ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަންކުރުވާ ބައްދަލުވުމެކެވެ. 

މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާ ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، ސިޓީތައް މޫސުމީ ބަދަލުތަކަށް ހޭނުވުން ހިމެނެއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަންތާލިޔާ ލީޑާސް ސަމިޓްކޮޕް31 ސަމިޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0