ކޮޕް31 ސަމިޓަށްފަހު ރައީސްގެ ދެކަނބަލުން އަންތަލިޔާއިން ފުރާވަޑައިގެންފި
ތުރުކީވިލާތުގެ އަންތަލިޔާގައި ކުރިއަށްދިޔަ ކޮޕް31 ސަމިޓުގެ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންފިއެވެ.
މިއީ މި މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގައި ކުރިއަށްދިޔަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅެކެވެ.
"ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ ސަމިޓެކެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާ ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަމާއި، އަރބަން އެޑެޕްޓޭޝަން ހިމެނެއެވެ.
މިދަތުރުފުޅުގެ ތެރެއިން، ކޮޕް31 ގެ ހަވާސާގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.