ސިޔާސީ ޖަޒުބާތަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ސިޔާސީ ޖަޒުބާތަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ސިޔާސީ ޖަޒުބާތުތަކަށްވުރެ ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ޙައްޤުގައި މަލާބާރީންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއްކުރެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިންގެ މަތިވެރި ގުރުބާނީގެ މަތިން ހަނދާންއައުކުރައްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާކުރައްވާފައެވެ.

ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. 

އަދި ތާރީހުން ފިލާވަޅު ލިބިގަނެ މުސްތަޤްބަލު އުޖާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހިފައިއޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ގައުމަށް ކުރިއެރުމާއި ކާމިޔާބީއާއި އާރޯކަން ދެއްވައި، މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.

ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ދިވެހި ގައުމީ އަބްތާލުންގެ ޒިކުރާ، އަމަލީ ގޮތުން ދިރުވައި އާލާކޮށް، އެ ބަތަލުން ހޯއްދަވައިދެއްވި މިނިވަންކަމާއި، ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި، ޖޯޝް، ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ މަގުސަދުގައެވެ.  

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުހުރަވީ ދުވަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0