"މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަހުލާގީ ގޮތުން ރައްޔިތުން ތާހިރުކުރުމަކީ އަމާޒެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

އިހުތިރާމް ކުރުމުގެ ގައުމީ މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަހުލާގީ ގޮތުން ރައްޔިތުން ތާހިރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "އިހުތިރާމުކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހު ކުރުމަށް މާފަންނު ޓްރެކް ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވަމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ގައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްގީގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައެވެ.

އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ގައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ގައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަހުރުވެރިވާ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ދިވެހީންގެ ފަހުރުވެރި މާޒީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަހުލާގާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، މި މަޝްރޫއަކީ ދިވެހި ގައުމިއްޔަތަށް ދިރުންގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ގައުމިއްޔަތަށް ދިރުން އެދެމުން ދިވެހިވަންތަކަމަށް ތަހުޒީބު މުސްތަގުބަލެއް ކުރަހައި ތަންފީޒުކުރަމުން މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ރޭ ފެށިގެން ދިޔައީ އިހުތިރާމުކުރުމުގެ ގައުމީ މަޝްރޫއު ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯވެސް ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހުލާގު އަލުން އިޔާދަކުރެއްވުމަށް އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގޭއިރު، އިޙުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، ރޭ ރަސްމީކޮށް އިފްތިތާހުކުރެވުނު މި މަޝްރޫއުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުއިހުތިރާމް ކުރުމުގެ ގައުމީ މަޝްރޫއު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0