ވޭޕް މަނާކުރީ ގައުމަށްޓަކައި: ރައީސް
ބޭނުންވަނީ ގައުމަށްޓަކައި، ގައުމުގެ މުސްތަގުބަލަށްޓަކައި ކަންކަން ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތައާރަފު ނުކުރިނަމަ ދިވެހިރާއްޖެ އޮންނާނީ ބިރުވެރި ހާލަތަކަށް ގޮސްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވެވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ މިކަން މަނާކުރި ފުރަތަމަ ގައުމު ކަމަށާއި މިއާއެކުގައި މިހާރު އެހެން ގައުމުތަކުން ރާއްޖެ މިސާލަކަށް ބަލައި، އެކަން އެގޮތަށް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއިން މިކަންކަމުގައި އެޅި ފިޔަވަޅުތަކާއި ގާތަށްވެސް އެހެން ގައުމުތަކުން އެކަންކަމުގައި ފިޔަވަޅު އަޅަން ފަސްޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވިޔަސް އަޅުގަނޑުމެންގެ ހިތް މާބޮޑު ކަމަށާއި، އިހުލާސްތެރިކަން ބޮޑުކަމަށާއި ގައުމުދެކެވާ ލޯބި މާބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭނުންވަނީ ގައުމަށްޓަކައި، ގައުމުގެ މުސްތަގުބަލަށްޓަކައި ކަންކަން ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ދުޅަހެޔޮކަމާއި ސަރުކާރުން ގެންގުޅުއްވާ ޕްރިވެންޓިވް ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ ގައުމަށްޓަކައި އަންޕޮޕިއުލާ ޑިސިޝަންސް (އާންމުން ނުރުހޭ، ނުވަތަ ގިނަ ބަޔަކު އެކަމަކާ ދެކޮޅުހަދާ ފަދަ ނިންމުންތައް) ނަންގަވާ ބޭފުޅެއްކަމުގައި ވިދާޅުވިއެވެ.
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތަޢާރަފު ނުކުރިނަމަ ކަންވެގެންދާނެގޮތުގެ މިސާލެއް ޖައްސަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭޕް މަނާ ނުކުރިނަމަ އެންމެ ތުއްތު ކުއްޖާވެސް ސްކޫލަށް، ގުރުއާން ކްލާހަށް، ކުޅެން ނޫންނަމަ އެހެންތާކަށް ދިޔަޔަސް ގޮސް ވަދެވޭނީ މުޅިން ނުބައި މާހައުލަކަށް ކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް ރިޒޯޓު އިންޑަސްޓްރީގެ ބޮޑުން ވާހަކަދައްކާފައިވާ ކަމަށާއި އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަކީ އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމެއްގެ ގޮތުގައި މަޝްވަރާދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެފަދައިން ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭނަކީވެސް އެފަދަ އަންޕޮޕިއުލާ ޑިސިޝަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެގޮތަށް ޖެނެރޭޝަނަލް ބޭންވެސް އަންޕޮޕިއުލާ ކަމަކަށްވިޔަސް، އެކަން ކުރެއްވީ ދުންފަތުގެ އިސްތިއުމާލު ކުރަން ނުފަށާ ކުދިންނަށް، އަދި އެކަމަށް ހުށަނޭޅޭ ކުދިންނަށް ކުރީބައިގައި އެކަން މަނާކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިވަގުތު އެކަންކަމަކީ ބައެއް މީހުންނަށް އެހާ ޕޮޒިޓިވް ނޫނީ ޕޮޕިއުލާ ކަމެއްގެ ގޮތުގައި ގަބޫލުނުކުރެވުނަސް، އެއީ އަންނަންއޮތް ޖީލުތަކަށް އޭގެ ފައިދާވާނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.