ކައުންސިލްގެ އިދާރާގެ ލީގަލް ޑިޕާޓްމަންޓުން އިންޓާންޝިޕް ފުރުސަތެއް
ތިން މަސް ދުވަހުގެ މުއްދަތަށް ހުޅުވާލި މި ފުރުސަތުގައި މަސައްކަތްކުރަން ޖެހެނީ ކައުންސިލްގެ ލީގަލް ޔުނިޓުގައި
އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރުމަށް ލީގަލް އިންޓާނަކު ހޯދުމަށް އެ އިދާރާއިން އިއުލާންކޮށްފިއެވެ.
އެ ކައުންސިލުން ހުޅުވާލާފައިވާ މި އިންޓާންޝިޕް ފުރުސަތަށް ބޭނުންވަނީ އެއް ފަރާތެކެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އިންޓާންޝިޕްގައި ހޮވޭ ފަރާތަކުން މަސައްކަތްކުރަން ޖެހޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ލީގަލް ޔުނިޓުގައެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލްގެ ގާނޫނީ ކަންކަމާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުމުގައި ލީގަލް ޔުނިޓަށް އެހީތެރިވުން ހިމެނެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ލިޔެކިޔުންތަކާއި ރިޕޯޓުތައް ދިރާސާކޮށް ތަރުތީބުކުރުމާއި، ކައުންސިލަށް ބޭނުންވާ ގަވާއިދުތަކާއި އެއްބަސްވުންތަކާއި އުސޫލުތައް ފަދަ ލިޔެކިޔުންތައް އެކުލަވާލައި ތައްޔާރުކުރުމުގައި އެހީތެރިވުން ވެސް މި މަގާމުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްގެ އަވަށު އޮފީސްތަކަށާއި އެހެނިހެން ސެކްޝަންތަކަށް ދޭ ގާނޫނީ ލަފާގެ މަސައްކަތްތަކުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
މި މަގާމުގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (ގާނޫނު ނަންބަރު: 1/2014) ގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، އެކަމާ ގުޅޭ ރެކޯޑުތައް ތަރުތީބުކޮށް ބެލެހެއްޓުމުގެ އިތުރުން އެ ގާނޫނުގެ ދަށުން އިންފޮމޭޝަން އޮފިސަރު އަދާކުރަންޖެހޭ ވާޖިބުތަކުގައި އެހީތެރިވުން ހިމެނެއެވެ. ހަމައެއާއެކު ސެކްޝަންގެ އިސްވެރިޔާއާއި ކަމާ ގުޅޭ މުވައްޒަފުންނާ ގުޅިގެން ރަސްމީ ސިޓީތަކާއި ފޯމުތަކާއި ނޯޓިސްތަކާއި އެހެނިހެން މުއާމަލާތްތައް ތައްޔާރުކުރުމާއި، ގާނޫނީ ލިޔެކިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ލީގަލް ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ސެކްޝަންގެ އިސްވެރިޔާ ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައް ކުރުން ވެސް ހިމެނޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.